ހަބަރު

މަތީ ތައުލީމް އަދާކުރަން 281 ދަރިވަރަކަށް ލޯންދީފި

މަތީ ތައުލީމް ހޯދަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ ސްޓުޑަންޓް ލޯން ސްކީމްގެ ދަށުން 281 ދަރިވަރަކަށް ލޯނު ދޫކޮށް ލިޔުން ހަވާލުކޮށްފި އެވެ.

ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން މިރޭ ލޯން ދީފައިވަނީ މިއަހަރު ސެޕްޓެމްބަރު މަހު ލޯން އަށް އެޕްލައި ކުރަން ފުރުސަތު ހުޅުވާލުމުން ހުށަހެޅި މީހުންގެ ތެރެއިން ޝޯޓް ލިސްޓުކޮށް ޝަރުތު ހަމަވި ފަރާތްތަކަށެވެ. އެގޮތުން މިރޭ ލޯނު ލިބުނު ދަރިވަރުންގެ ތެރެއިން މެޑިސިން އާއި އިންޖިނިއަރިން، އެކައުންޓިން އަދި މެނޭޖްމަންޓު ފަދަ ދާއިރާއިން ރާއްޖޭގަ އާއި ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރަން ބޭނުންވާ ކުދިން ހިމެނެ އެވެ.

މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ މާލުމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ އަހަރަކު 1000 ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމް ނިންމަވާފައިވާ ވަރަށް މުހިއްމު ނިންމެވުމެއް ކަމަށާއި އެގޮތުން މިހާތަނަށްވެސް އެތައް ލޯނު އެހީ ދޫކުރެވިފައި ވާނެ ކަމަށެވެ.

"އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހު ހުޅުވާލި ފުރުސަތުތަކުގެ ތެރެއިން ޝަރުތުހަމަވާ 281 ދަރިވަރަކަށް، މަތީ ތައުލީމަށް ކިޔެވުމަށްދެވޭ ލިއުން މިރޭ ހަވާލުކުރެވިގެން މިދިޔައީ،" ޝިހާމް ވިދާޅުވި އެވެ.

މަތީތައުލީމު ހާސިލް ކުރުމަށް ސްޓޫޑަންޓު ލޯނު ލިބުނު ކުދިންގެ ތެރެއިން މިރޭ ވަނީ އެކައުންޓިން ޑިގްރީއަށް ކިޔަވާ 15 ދަރިވަރަކާއި، ޕޯސް ގްރެޑުއޭޓްގެ 3 ދަރިވަރަކާއި، ރާއްޖޭއިްނ ބޭރުން މާސްޓާސް ހަދައި 7 ދަރިވަންގެ އިތުރުން އެމްބީބީއެސް ހަދައި 20 ދަރިވަރުންނާއި ޕައިލެޓުކަން ކިޔަވާ 10 ދަރިވަރުންނަށް ލޯންގެ ލިޔުން ހަވާލުކޮށްފަ އެވެ.