ކެބިނެޓް

ވަޒީރުންގެ ފުރަތަމަ އާންމު ފޯރަމް މިރޭ ބާއްވަނީ

ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް އޮޅުންފިލުއްވައި ދިނުމުގެ ގޮތުން ވަޒީރުން ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރަތަމަ ފޯރަމް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގަ އެވެ. ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ސަލްޓަން ޕާކުގަ އެވެ.

ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ ގުޅިގެން ބާއްވާ މި ފޯރަމްގައި ފަސް ވަޒީރަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާ ވަޒީރުން

  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
  • ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު
  • ޖެންޑާ މިނިސްޓަރު އާއިޝަތު ޝިހާމް
  • ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު

ދައުލަތުގެ މީޑިއާއިން ބުނީ ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލު ކުރެވޭނެ ކަމަށާއި ފޯނުން ގުޅައިގެންނާއި އެސްއެމްއެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލު ފޮނުވޭނެ ކަމަށެވެ.

ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުންނަށް އޮޅުންފިލުއްވައި ދިނުމުގެ އެގޮތުން ކޮންމެ ދެ މަހަކުން ވަޒީރުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށްޓަކައި ފޯރަމްތަކެއް ބާއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"އެއީ ޕަބްލިކް ފޯރަމެއް. އެ ފޯރަމްގައި ބޭނުން ސުވާލެއް އެ ފޯރަމްގައި އެ ވަގުތު އެ ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން [ސުވާލު] ކުރުމުގެ ފުރުސަތު ދޭނަން. ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެމްބާޒް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން ފަސް ބޭފުޅުން ގޮތަށް އަޅުގަނޑުމެން މިދެންނެވި ދެމަހުން އެއްމަހު އޮންނަ ޕަބްލިކް ފޯރަމް ބާއްވާނަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ކޮންމެ ތިން މަހަކުން އެއް މަހު އެމަނިކުފާނުވެސް ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުން ކުރަން ބޭނުންވާ ކޮންމެ ސުވާލެއް ކުރަން ފުރުސަތު ދެއްވާނެ ކަމަށެވެ.