ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ މެދުވެރިކޮށް ސިއްހީ ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މެންބަރުން ވަނީ ޔޫއޭއީ އާއި ތައިލެންޑުން އާސަންދައިގެ ހިދުމަތް ލިބޭނީ ކޮން ދުވަހަކުންތޯ މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ޑރ. އާއިޝަތު ޝިހާމްއާ ތަކުރާރުކޮށް ސުވާލުކުރައްވާފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވީ ދަތުރުފަތުރާއި ހުރުމާއެކު ޔޫއޭއީ އާއި ތައިލެންޑުން އާސަންދަ މެދުވެރިކޮށް ބޭސްފަރުވާއަށް ހުޅުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.
އާސަންދައަށް މިއަހަރު ބަޖެޓްކޮށްފައިވާ އަދަދުން މެނޭޖްކުރެވޭ ގޮތަށް މި ސިޔާސަތު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މި ހިދުމަތާއެކު އާސަންދަ ލިބޭ މީހުންގެ އަދަދަށް އުނިކަމެއް ނާންނާނެ ކަމަށް މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވި އެވެ.
"މި ގޮތުން ހިދުމަތްދޭނެ މޮޑެލްތަކާއި ކަވާކުރާނެ ހިދުމަތްތަކާއި އަދި ހަރަދު ހަމަޖައްސާނެ ގޮތުގެ މަޝްވަރާތައް ދަނީ ކުރެވެމުން،" މިނިސްޓަރު ވިދާލުވި އެވެ.
އެކަންކަން ނިމުމުން ތަފުސީލުތައް ހާމަކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް މެންބަރުން ވަނީ ޔޫއޭއީ އަދި ތައިލެންޑުން އާސަންދަ ހިދުމަތް ލިބޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރައްވާފަ އެވެ.
"އޭގެ ތަފުސީލުތައް ރައްޔިތުންނާ ހުރިހާ ބޭފުޅުންނާ ހާމަކުރެވޭހާ އަވަހަކަށް ހަމަ ހުރިހާ ތަފުސީލުތައް ހުރިހާ ބޭފުޅުންނާ ހާމަކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު އާއިޝަތު ވިދާލުވީ މިފަދަ ކަމެއްކުރާއިރު ދެމެހެއްޓެނިވި ގޮތެއްގައި ނިޒާމު ހަމަޖެއްސުން މުހިންމު ކަމަށެވެ.
"މިކަހަލަ މަސައްކަތެއް ކުރަމުންދާއިރު އެންމެ މުހިންމުވެގެންދަނީ ކުރީގައި އަޅުގަނޑު ދެންނެވިހެން ސަސްޓެއިނަބަލް ސިސްޓަމެއް. އެކަހަލަ ކަމެއް ތައްޔާރުކުރުމަށް ވަރަށް ވިސްނުންތެރިކަމާއެކު މީގަ ދެން އަނެއްކާ ދުވަސްކޮޅަކުން ބަދަލުކުރަން ނުޖެހޭނެ ކަހަލަ ނިޒާމެއް ތައްޔާރުކުރުން،" މިނިސްޓަރު އާއިޝަތު ޝިހާމް ވިދާޅުވި އެވެ.
އާސަންދަ މިހާރު ހިނގާ ގޮތުން އިސްރާފު ބޮޑުކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.