ތައިލެންޑް އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް އެމްޕެނަލްވެފައިވާ ހޮސްޕިޓަލްތަކުން މިއަދުން ފެށިގެން އާސަންދަ ސްކީމްގެ ހިދުމަތްދޭ ގޮތަށް ހުޅުވާލައިފި އެވެ.
އާސަންދަ ކުންފުނިން ބުނީ މި ހޮސްޕިޓަލްތަކަށް ހިދުމަތް ދިނުމަށް ފޮނުވާނީ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ށ) ގެ ދަށުން މިހާރުވެސް ރާއްޖެއިން ބޭރުގެ ހޮސްޕިޓަލްތަކުން ހިދުމަތް ދިނުމަށް އަމަލުކުރާ ނިޒާމުގެ ތެރެއިން ކަމަށެވެ.
ތައިލޭންޑް އަދި ޔޫއޭއީގެ އާސަންދަ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ބަލިމީހުން ރިފަކުރުން ފެށިގެންދާއިރު ފުރަތަމަ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ބޭނުންވާ ބަލިމީހުންގެ ތެރެއިން "ފަސްޓް ޑިގްރީ ޑޯނާ" އެއް (އާއިލާގެ ތެރެއިން ކިޑްނީ ޑޮނޭޓްކުރާނެ ފަރާތެއް) ނުލިބުމުގެ ސަބަބުން ކިޑްނީ ޓްރާންސްޕްލާންޓް ނުކުރެވި އެކަމުގެ ވޭން ތަޙައްމަލް ކުރަމުންދާ މީހުންނަށް ކަމަށް އާސަންދަ އިން ވަނީ ބުނެފަ އެވެ.
"އެއީ މިހާތަނަށް އާސަންދައަށް އެމްޕެނަލް ކުރެވިފައިވާ ގައުމުތަކުގެ އުސޫލުތައް ކަނޑައެޅިފައިވާ ގޮތުން، ކިޑްނީ ޑޯނަރަކީ "ފަސްޓް ޑިގްރީ ޑޯނާ" އަކަށްވުން އެ ގައުމުތަކުގެ ގާނޫނާ ގަވާއިދުތަކުން ލާޒިމުވާތީވެ ފަރުވާ ކުރިއަށް ގެންދެވިފައިނުވާ ފަރާތްތަކެވެ،" އާސަންދަ އިން ބުނެފައިވެ އެވެ.
ދެވަނަ ބަޔަކީ، ރާއްޖެ، އިންޑިއާ ނުވަތަ ސްރީލަންކާގެ މަރުކަޒެއް މެދުވެރިކޮށް، އެތައް ފަހަރެއްގެ މަތިން ފަރުވާދެވުނު ނަމަވެސް އެފަރާތެއްގެ ބަލި ހާލަތަށް ކުރިއެރުމެއް ނުލިބި، ބަލި ތަހައްމަލު ކުރަމުންދާ މީހުން ކަމަށާއި ކަމާބެހޭ ޑޮކްޓަރުންގެ ޓީމްގެ ފަންނީ ލަފައާއެކު ބަލިމީހާ ރިފަ ކުރާނެ މަރުކަޒު މި ކުންފުނިން ކަނޑައަޅާ ބޭނުންވާ ބޭސްފަރުވާއަށް އެހީ ފޯރުކޮށްދެވޭނެ ކަމަށް އާސަންދަ އިން ބުނެފައިވެ އެވެ.
އާސަންދަ އިން ބުނީ މިއަދު ޔޫއޭއީ އަދި ތައިލެންޑަށް އާސަންދަ ސްކީމުގެ ހިދުމަތް ފުޅާވެގެންދާއިރު އެ ދެ ބަޔަށް އިސްކަންދިނުމާއެކު، ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރު ބައިތަކަށް ހިދުމަތް ފުޅާކުރާނެ ކަމަށެވެ.
އާސަންދަ އިން ބުނި ގޮތުގައި އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށްއެދި ހުށަހަޅާނީ މިހާރުވެސް ހިދުމަތަށްއެދޭ ގޮތަށެވެ.
އެގޮތުން އާސަންދަ މޯބައިލް އެޕުންނާއި މައި އާސަންދަ ޕޯޓަލުން އޮންލައިންކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި ހޮސްޕިޓަލުތަކުގައި ގާއިމުކުރެވިފައިވާ ވިރަ ކައުންޓަރުތަކަށާއި އާސަންދަ ފްރަންޓް އޮފީހުގެ ކައުންޓަރަށްވެސް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފައިވެ އެވެ.