އާސަންދަ މެދުވެރިކޮށް ތައިލެންޑާއި ޔޫއޭއީއަށް ބޭސްކުރަން ދާން ބޭނުންވާ ދިވެހިން އެ ގައުމުތަކަށް ފޮނުވުމުގެ އިންތިޒާމުތައް އަދިވެސް ނުނިމޭ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން އާސަންދަ ކުންފުނީގެ ސީއީއޯ އާމިނަތު ޒީނިޔާ ވިދާޅުވީ އާސަންދަ މެދުވެރިކޮށް ތައިލެންޑާއި ޔޫއޭއީއަށް ބޭސްކުރަން ދިވެހިންނަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
އާސަންދަ މެދުވެރިކޮށް ތައިލެންޑާއި ޔޫއޭއީއަށް ބޭސްކުރަން ދިވެހިންނަށް ދެވޭނެ އިންތިޒާމު ހަމަޖައްސަމުންދާ ކަމަށް މީގެކުރިންވެސް ޒީނިއާ ވިދާޅުވި އެވެ. އިދާރީ އިންތިޒާމުތައް ނިމި އެ ހިދުމަތް ފެށޭނެ ދުވަހެއް ދަންނަވަން މިއަދުވެސް ޒީނިއާއަށް އެނގިވަޑައިނުގެންނެވި އެވެ.
ދިވެހި ރައްޔިތުން އާސަންދަ މެދުވެރިކޮށް މިވަގުތު ބޭސް ފަރުވާ ހޯދަން ދާ ދެ ގައުމަކީ އިންޑިއާ އަދި ސްރީލަންކާ އެވެ. ނަމަވެސް ސިއްހީ ހިދުމަތުގެ ފެންވަރު އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭގައި ހިމެނޭ ތައިލޭންޑާއި ޔޫއޭއީ އަށްވެސް އާސަންދަ މެދުވެރިކޮށް ސިއްހީ ފަރުވާ ހޯދުމަށް ދިވެހިންނަށް ދެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ޒީނިއާ މިއަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެ ހިދުމަތް ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާގެ އެއް ބޭނުންފުޅެއް އެއީ ރާއްޖޭގައި ލިބެން ނުހުންނަ ހިދުމަތްތައް ރާއްޖެއިން ބޭރުގެ ގިނަ ގައުމުތަކަކުން ހޯދުން،" ޒީނިއާ ވިދާޅުވި އެވެ.
އާސަންދައަށް ސަރުކާރުން ކުރާ ހަރަދު އަހަރުން އަހަރަށް އިތުރުވަމުންދާތީ މި ހަރަދުތައް މިހާރަށް ވުރެ ބޮޑަށް މެނޭޖުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބައިތޯވެސް ސަރުކާރުން ގެންދަނީ ބަލަމުންނެވެ. ހާއްސަކޮށް ދިވެހިން އާންމުކޮށް ރާއްޖެއިން ބޭރުން ހޯދާ ފަރުވާތައް ރާއްޖޭގައި ދެވެނޭ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.