އާސަންދަ

އާސަންދައިގެ ހިދުމަތް ދިނުމަށް ޔޫއޭއީ އާއި ތައިލެންޑް ހޮސްޕިޓަލްތަކަކާ އެކު ސޮއިކޮށްފި

އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ހޮސްޕިޓަލަކާއި ތައިލެންޑުގެ ދެ ހޮސްޕިޓަލާ އެކު ސޮއިކޮށްފި އެެވެ.

ޔޫއޭއީ އަދި ތައިލެންޑް ފަދަ މަތީ ފަންތީގެ ސިއްހީ ހިދުމަތް ދޭ ގައުމުތަކުން ދިވެހިންނަށް ބޭސް ކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އާސަންދަ ކުންފުނިން މިއަދު ސޮއި ކުރީ ދުބާއީގެ ބުރްޖީލް މެޑިކަލް ސިޓީ އާއި ބެންކޮކްގެ ވޯލްޑް މެޑިކަލް ހޮސްޕިޓަލް އަދި ބެންކޮކް ހޮސްޕިޓަލާ އެކު އެވެ.

އާސަންދަ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޒީނިއާ އެވެ.

ޔޫއޭއީ އަދި ތައިލެންޑް ހޮސްޕިޓަލްތަކާ އެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން އެ ހޮސްޕިޓަލްތަކުން ދިވެހިންނަށް އާސަންދަ ހިދުމަތް ލިބޭނީ ކުރިއަށް އޮތް ޖެނުއަރީ 15 ވަނަ ދުވަހުން ފެށިގެންނެވެ.

އާސަންދަ ކުންފުނިން ބުނީ ޔޫއޭއީ އަދި ތައިލެންޑް ހޮސްޕިޓަލްތަކުން އާސަންދަ ހިދުމަތް ހާއްސަ އުސޫލެއްގެ ތެރެއިން ކުރިއަށް އޮތް ދުވަސްތަކުގައި ލިބިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ހޮސްޕިޓަލްތަކާއި ކްލިނިކްގެ އިތުރުން ދިވެހިންނަށް މިހާރު އާސަންދައިގެ ހިދުމަތް ލިބެނީ އިންޑިއާ އަދި ސްރީލަންކާގެ ހޮސްޕިޓަލްތަކުންނެވެ.

އާސަންދައިގެ ދަށުން ހިދުމަތް ދިނުމަށް ޔޫއޭއީ އާއި ތައިލެންޑުގެ ދެ ހޮސްޕިޓަލާ އެކު ސޮއިކޮށްފައިވާއިރު އާސަންދަ ނިޒާމު އެކީ އެކަށް އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފަ އެވެ.