މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއާއި އެމްއެންޔޫ ގުޅިގެން ކޯސްތަކެއް ފަށަނީ

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓާއި މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އާ ގުޅިގެން އިޖުތިމާއީ ހިދުމަތްތެރިންނާއި ކައުންސިލިން ދާއިރާ އިން މީހުން ތަމްރީނު ކުރުމުގެ ގޮތުން ކޯސްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

މިކޯސްތައް ހާއްސަކޮށްފައިވަނީ މިނިސްޓްރީގައި މިދާއިރާތަކުން ހިދުމަތްކުރާ މުވައްޒަފުންނަށާއި އާންމުންގެ ތެރެއިން މިދާއިރާތަކުން ތަމްރީނުވުމަށް ޝައުގުވެރިވާ މީހުންނަށެވެ.

އެޑްވާންސް ސެޓްފިކެޓުން ފެށިގެން މާސްޓާސްއާއި ހަމައަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިކޯސްތަކުގެ ފުރަތަމަ ބުރުގައި 100 މީހަކަށް ބައިވެރި ވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

މި ކޯސްތަކުގެ ތެރޭގައި ސޯޝަލް ސާވިސް ދާއިރާ އިން އެޑްވާންސް ސެޓިފިކެޓް އަދި ބެޗެލާސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތަކާއި، ކައުންސިލިން ދާއިރާއިން ބެޗެލާސް ޑިގްރީއަށް ކިޔަވައިދޭ ކޯސްތައް ހިމެނެ އެވެ.

މި ކޯސްތައް ދެ ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު ފެބްރުއަރީ އަދި އޮގަސްޓު މަހު ވަނީ ކޯސްތަކަށް ހުޅުވާލުމަށް ނިންމާފަ އެވެ.

މި ކޯސްތަކުގެ ފުރަތަމަ ބުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. ކޯހާ ގުޅޭ އިތުރު މައުލޫމާތު އެމްއެންޔޫގެ ވެބްސައިޓުން އަދި ހޮޓްލައިން 1445 އިން ލިބެން ހުންނާނެ އެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ މިފަދަ ކޯސްތަކެއް ހިންގުމުގެ މައިގަނޑު މަގުސަދަކީ އެ މިނިސްޓްރީގައި މިދާއިރާތަކުން ހިދުމަތްދިނުމަށް ތިބި މުވައްޒަފުންގެ އިތުރުން އިޖުތިމާއީ މަސައްކަތް އަދި ކައުންސިލިން ދާއިރާއަށް ޝައުގުވެރިކަން ހުންނަ މީހުންނަށް ތައުލީމާއި ތަމްރީނުގެ ގޮތުން ފަހި ފުރުސަތަކެއް ހޯދައިދިނުން ކަމަށެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށުގައި ކުޑަކުދިންނަށާއި އާއިލާތަކަށް ހިދުމަތް ފޯރުކޮށްދޭ 19 މަރުކަޒެއް ހުރެ އެވެ.