މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ރޯގާ އުޅޭތީ ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުވުމަށް އެދިއްޖެ

ރާއްޖޭގައި ރޯގާ އާންމުވަމުންދާ މި ދަނޑިވަޅުގައި ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އިސްތިމާސްކޮށްފި އެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ވަނީ މިފަދަ ހާލަތްތަކުގައި ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ ބައެއް ކަންކަމާއި ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުމަށް އިރުޝާދުތަކެއްވެސް ދީފަ އެވެ.

އެގޮތުން ހާސްކަމާއި ނުތަނަވަސްކަން އިހުސާސްކުރެވޭނަމަ، އެހެން ފަރާތަކާ އިހުސާސްތައް ހިއްސާކުރުމާއި، އޯގާތެރިކަމާއެކު އެކަކު އަނެކަކަށް އަޅާލުމާއި، އެކަކު އަނެކަކުގެ ވާހަކަތައް އަޑުއެހުމާއި، މަޑުމައިތުރިކަމާއެކު މުޢާމަލާތުކުރުމަށް އިރުޝާދު ދީފައިވެ އެވެ.

މީގެ އިތުރުން އެހެން މީހުންނާ ގުޅިގެން އުޅުމާއި، ކަންކަމުގައި މަޝްއޫލުވެ އުޅުމަށް މަސައްކަތްކުރުމަށާއި، އެއްވެސް ފަރާތެއް ބާކީވާކަމުގެ އިހުސާސް ވިޔަ ނުދިނުމަށްވެސް އިލްތިމާސްކޮށްފައިވެ އެވެ. އަދި ނަފްސާނީގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ވަކިން ހާއްސަކޮށް އާއިލާގެ ނުވަތަ ރައްޓެހިންނަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްވެސް އެދިފައިވެ އެވެ.

މިނިސްޓްރީން ވަނީ ރޯގާ ނުވަތަ ބަލިތައް ފެތުރުން އާންމުވަމުންދާ ހާލަތްތަކުގައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ނަސޭހަތްތެރިވެފަ އެވެ.

ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށް، ބަލި ފެތުރުން މަދުކުރުމަށްޓަކައި ޒަރޫރީ ހާލަތުގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށާއި، ހޮސްޕިޓަލަށް ދާ އެންމެން މާސްކު އެޅުމާއި، ހޮސްޕިޓަލްގައި އެއްވެ އުޅުމުން ދުރުހެލިވުމާއެކު، ބަލީގެ ނުވަތަ ރޯގާގެ އަލާމާތެއް ފެންނަ ނަމަ ލަސްނުކޮށް ފުލޫ ކްލިނިކަށް ޒިޔާރަތްކުރުމަށް
ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން އެދިފައިވެ އެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނާ ގޮތުގައި މިފަދަ ހާލަތްތަކުގައި އެކަކު އަނެކަކަށް އެހީތެރިވެ، ގުޅިގެން މަސައްކަތްކުރުމަކީ އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ކަންތަކެވެ.