މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ގިންތީގެ ހަމަހަމަކަން ކަށަވަރު ނިޝާނެއް ތައާރަފްކުރަނީ

ގިންތިކުރުމާއި މިންތިކުރުމުގައި ހަމަހަމަކަން ކަށަވަރު ނިޝާނެއް ތައާރަފްކުރަން ނިންމަވައިފި އެވެ.

ގިންތިކުރުމާއި މިންތިކުރުމުގައި "ހަމަހަމަކަން ކަށަވަރު"ގެ ނަމުގައި ނިޝާނެއް ތައާރަފްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓް ހުށަހެޅި ކަރުދާހަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފައަށް ބެއްލެވުމަށްފަހު އެވެ.

ހަމަހަމަކަން ކަށަވަރު ނިޝާނަކީ އިގްތިސާދީ ގޮތުން ދެ ޖިންސުގެ މެދުގައި ހުރި ފަރަގުތައް ނައްތާލުމަށާއި ވަޒީފާގެ މާހައުލަކީ ދެ ޖިންސަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ކަށަވަރުވެފައިވާ ފަހި މާހައުލަކަށް ހެދުމަށްޓަކައި ހުރިހާ އިދާރާތަކުގައިވެސް މިންތީގެ ހަމަހަމަ ކަމަށް ބާރުއެޅުމުގެ ގޮތުން ގައުމީ ފެންވަރުގައި އެކުލަވައިލެވިފައިވާ ނިޒާމެކެވެ. އެގޮތުން މަސައްކަތްތައް ބައްޓަން ކުރަންވީ މައިގަނޑު ދާއިރާތަކާއި މިންގަނޑުތަކެއް ކަނޑައަޅައި، މި މިންގަނޑުތައް ހާސިލުކުރުމަށް ހިތްވަރު ދިނުމަށާއި، މިންތީގެ ހަމަހަމަކަމަށް ވަކާލަތުކޮށް ކާމިޔަބީތައް ހޯދާފައިވާ އިދާރާތަކުގެ އަގު ވަޒަންކުރުމަށް މި ނިޝާން ދިނުމަށް ހަމަޖެހިފައިވެ އެވެ.

"ހަމަހަމަކަން ކަށަވަރު" ނިޝާންގެ އަސާސީ މިންގަނޑު

  • އިދާރާއަށް މުވައްޒަފުން އައްޔަނުކުރުމުގައި ޖެންޑަ ނިއުޓްރަލް އުސޫލެއް ގެންގުޅުން
  • މިންތީގެ ތަފާތުކުރުންތައް އަދި ޖިންސީ ފުރައްސާރަކުރުން ހުއްޓުވައި އެކަން ހައްލުކުރުމަށް ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރުން
  • ޖެންޑަ ރެސްޕޮންސިވް އިންފްރާސްޓްރަކްޗާ ގާއިމުކުރުން
  • ހަމަހަމަ މަސައްކަތްތަކަށް ހަމަހަމަ އުޖޫރައެއް ދިނުން
  • ކަންކަން ނިންމާ ފެންވަރުގައި ނުވަތަ މެނޭޖްމަންޓް ލެވެލްގައި މިންތީގެ ހަމަހަމަކަމަށް އަހައްމިއްޔަތުކަން ދައްކުވައިދިނުން

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިިޔަފާރިތަކާ ކުންފުނިތައް ގައުމީ ފެންވަރުގައި ހަމަހަމަކަން ކަށަވަރުކުރާނެ ނިޝާނެއް ތައާރަފްކުރުމަށްޓަކައި އެކަން ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ޖެންޑާ އީކުއަލިޓީސީލްގެ މަސައްކަތް ކުރަން ކަމާ ގުޅޭ ފަރާތްތަކާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

"ގައުމީ ފެންވަރުގެ ނިޒާމެއް ތައާރަފްކުރުމަށް އިއްޔެގައި ނިންމާ އެކަމާ ގުޅޭ މިނިސްޓްރީ ކަމަށްވާ ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމަންޓްއާ އެކަންވާނީ ހަވާލުކޮށް ނިންމާފައި،" ނާޒިމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި "ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެ ގޮތުން ގައުމީ ފެންވަރުގައި 'ހަމަހަމަކަން ކަށަވަރު' ނިޝާން ތައާރަފުކުރުން" ވަނީ ހިމަނުއްވާފަ އެވެ.