މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް

ރައްޔިތުންގެ ހާލު ބެލުމުގެ ޕްރޮގްރާމު ފަށައިފި

އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ފުރިހަމަކުރުމުގެ ގޮތުން ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން "ހާލު ކިހެނެއް؟"ގެ ނަމުގައި މުޅި ރާއްޖޭގައި ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމުގެ މަގުސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމައުގައި ތިބި އެހީތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެމީހުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ރައްޔިތުންނަށް ހިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު މިނިސްޓްރީން މަސައްކަތްކުރާނެ ކަމަށް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެ އެވެ.

ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހި މިއަދު ފެށީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތައް ހުރި ސަރަހައްދުންނެވެ. މާލެ ސަރަހައްދެކޭ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ އާއިލީ ސެންޓަރުތައް ހުރި ރަށްރަށުގައިވެސް މި ޕްރޮގްރާމު މިއަދު ވަނީ ފަށާފަ އެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ހާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ ތާވަލުކުރެވިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައިވީ ނަމަވެސް ހާއްސަ ސަމާލުކަން ބޭނުންވާ މީހުން އަވަސް އެހީތެރިކަން ހޯދަން ބޭނުންވާނަމަ މިނިސްޓްރީގެ ކޯލް ސެންޓަރުގެ ނަންބަރު 1433 އާއި ގުޅާ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށެވެ. އަދި ހާއްސަ އިސްކަމެއް ދީގެން އެ ގެތަކަށް ޒިޔާރަތްކޮށް އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިނިސްޓްރީން ކުރާނެ ކަމަށެވެ.

އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމައުގައި އަށަގެންނެވުމާއެކު ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ މުހިއްމު ކަމެއް ކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މިއީ ކާމިޔާބު ޕްރޮގްރާމަކަށް ހެދުމަށްޓަކައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާ ކަމުގައިވެސް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނެ އެވެ.