މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން އަވަހަށް، ފަސޭހައިން ހިދުމަތް ދިނުމަށްޓަކައި އާ ކޯލް ސެންޓަރެއް ގާއިމްކޮށް ވުޒާރާއާ ގުޅޭނެ އާ ނަންބަރުގެ ގޮތުގައި 1433 ތައާރަފްކޮށްފި އެވެ.
ފެމިލީ މިނިސްޓްރީން މި ނަންބަރު ތައާރަފްކުރުމުގެ މަގުސަދަކީ މި މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ލިބޭނެގޮތް ފަހިކޮށްދިނުން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ މިނިސްޓްރީން ދޭ ހިދުމަތްތައް ލިބިގަތުމަށް އަދި އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުންވާނަމަ ފަސޭހަކަމާއި، އަވަސްކަމާއެކު 1433 އަށް ގުޅޭނެ ކަމަށެވެ.
މި ނަންބަރަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 01:30 އަށް ގުޅޭނެ އެވެ. އަދި ކޯލު ނުނެގި ދާ ހާލަތްތަކުގައި ކޯލުގެ މައުލޫމާތު ވަކި ސިސްޓަމެއްގައި ރައްކާކުރެވި ތަރުތީބުން، އެފަދަ ކޯލުތަކަށް ކޯލް ސެންޓަރުން ޖަވާބުދާރީވަމުން ގެންދާނެ ކަމަށްވެސް މިނިސްޓްރީ ވިދާޅުވި އެވެ.
މި ނަންބަރުގެ އިތުރުން ކޯލް ސެންޓަރުގައި މިނިސްޓްރީގެ ދަށުން ބޭނުން ކުރާ ނަންބަރު ތަކަކީ އިޖުތިމާއީ ހިދުމަތްތަކާ ގުޅޭ ހެލްޕްލައިން 1421 އަދި ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ހެލްޕްލައިން 1412 އެވެ.
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުގެ ބެލުމުގެ ދަށުގައި ތިބެނީ މުޖުތަމުގައި ތިބި އެންމެ އަޅާލުން ބޭނުންވާ މީހުންނާއި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ.