ޓިއުނީޝިއާ، ތޫނިސްއަށް އާ ބޮޑުވަޒީރަކު ހަމަޖައްސަވައިފި އެެވެ. ރައީސް ގައިސް ސައީދު މިފަހަރު އިޚްތިޔާރު ކުރެއްވީ ކަނބަލެކެވެ. އެއީ ނަޖުލާ ބޫދުން ރަމަޟާން އެވެ. ތޫނިސްގައި އާ ސަރުކާރެއް އެކުލަވާލެއްވުމަށް ނަޖުލާއަށް މިހާރު އޮތީ ދައުވަތު ދެއްވާފަ އެވެ.
ނަޖުލާ ބޫދުން ރަމަޟާން 63، އަށް ހަވާލު ކުރެއްވި ޒިންމާތަކާ ގުޅޭ ގޮތުން އަދި މީޑިއާއަށް ބަހެއް ވިދާޅެއް ނުވެ އެވެ. ނަޖުލާ އަކީ ޖިއޮލޮޖިސްޓެކެވެ. އަދި ތޫނިސް ނޭޝަނަލް ސްކޫލް އޮފް އިންޖިނޭރިންގެ ޕްރޮފެސަރެކެވެ.
ތޫނިސް ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގަތުމާއެކު ނަޖުލާ މިހާރު ވެފައި ވަނީ އަރަބި ދުނިޔޭގައި ހުންނެވި ހަމައެކަނި އަންހެން ބޮޑުވަޒީރަށެވެ. މިއީ ގައިސް ސައީދު ވަރަށް މޮޅަށް ކުޅުއްވި ކުޅިއެއް ކަމަށް ދުނިޔޭގެ ސިޔާސަތު ކިޔައިދޭ މީހުން ބުނެ އެވެ.
ގައިސް ސައީދު މިއަހަރު ޖުލައިގައި ބޮޑުވަޒީރު ހިޝާމް މަޝީޝީ މަގާމުން ދުރު ކުރައްވައި ޕާލަމެންޓް އުވާލެއްވުމާ ގުޅިގެން މުޅި ގައުމު އޮތީ އުދާސްވެފަ އެވެ. ސަރުކާރެއް އެކުލަވައި ނުލެވި ދިގު ދެމިގެން ދިއުމުގެ ސަބަބުން އެތެރެ އާއި ބޭރުން ސައީދުއަށް އޮތީ ޕްރެޝަރު ވަރަށް ބޮޑުވެފަ އެވެ. އިދިކޮޅު ޕާޓީތައް އެކައްޗެއް ކިޔައި ރައީސް މަގާމުން ދުރު ކުރަން ވެސް އޮތީ ރާވާފަ އެވެ.
ތޫނިސްގެ ބޮޑުވަޒީރަކަށް ކަނބަލަކު އައްޔަން ކުރެއްވުމުން ސައީދަށް ތާއީދު ކުރާ މީހުން ރައީސްގެ ވިސްނުންފުޅަށް ތާއީދުކޮށް ދަނީ އުފާ ކުރަމުންނެވެ.
ތޫނިސްއަށް އާ ބޮޑުވަޒީރަކު އައްޔަން ކުރެވުނު ނަމަވެސް އެ ގައުމުގައި މިވަގުތު ހާލަތު އޮތް ގޮތުން ކުރިން ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުންނަށް ދެއްވި ވަރުގެ ބާރުތަކެއް ނަޖުލާއަށް ދެއްވާނެ ކަމާ މެދު ޝައްކެވެ. މަޝްރަހުގައި ހުރި ވާހަކަތަކަށް ބަލާއިރު ސައީދުއަކީ މޮޅަށް ކުޅިތައް ރާއްވާވާ ބޭފުޅެއް ކަމަށް ބުނެވެ އެވެ.
ނަޖުލާއަށް ސަރުކާރެއް ހިންގެވުމުގެ ތަޖުރިބާ ލިބިވަޑައިގެން ނެތް ނަމަވެސް ވޯލްޑް ބޭންކްގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފަ އެވެ. އަދި ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައި ވެއެވެ.