މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފި އެވެ.
ޝަރީއަތް ފެށުމަށް ހަމަޖައްސާފައިވަނީ މާދަމާ ހެނދުނު 11:00 އިރު އެވެ.
ނޫމަޑި މައްސަލައިގައި ދައުލަތުން މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ އެވެ.
މިމައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފެށީ މިދިޔަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހު އެވެ.
މުއިއްޒުގެ ވަކީލް މީގެކުރިން ކޯޓުގައި ވިދާޅުވީ ދައުލަތުގެ ދައުވާގައި ބުނާ ފަދަ ކަމެއް މުއިއްޒު ކުރައްވާފައި ނުވާ ކަމަށެވެ.
ޖޫން 25، 2019 ގައި ނޫމަޑި ރިސޯޓްސް އެންޑް ރެޒިޑެންޝަން އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށް ވެފައިވަނީ ޑރ. މުއިއްޒު އެވެ.
މުއިއްޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ ހައުސިން ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ވަނަ އަހަރު ވެފައިވާ ފޭސް އެކެއްގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް ދޭއްގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލާއި އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަ ކަމަށާއި، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާ ކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާ ކަމަށެވެ.
ނޫމަޑީގެ މައްސަލާގައި މުއިއްޒު ވަނީ ފުލުހަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނޫމަޑީގެ ފަރާތުން ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ. ސަރުކާރުން މިހާރު ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމަކަށް ގޮސް 55 މިލިއަން ޑޮލަރު ދައްކާފަ އެވެ.