ޑރ. މުހައްމަދު މުއިއްޒު

މުއިއްޒަށް ހުކުމްކުރުން މާދަމާ

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)ގެ މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުލަތުން ކުރާ ދޮގު ބަޔާން ދިނުމުގެ ދައުވާ އާއި ގުޅިގެން މާދަމާ ހުކުމް ކުރުމަށް އަޑުއެހުމެއް ބާއްވަން ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ޝެޑިއުލުން އެނގޭ ގޮތުގައި މުއިއްޒުއަށް ހުކުމް ކުރުމަށް ބާއްވާ އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 12:00 ޖަހާއިރު އެވެ.

ދައުވާ ސާބިތުވެއްޖެނަމަ މުއިއްޒު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާނެ އެވެ.

މުއިއްޒުއަށް ކުރާ ދައުވާއާއި ގުޅިގެން މައްސަލައިގައި ހިމެނޭ ހަސްމުން ހުލާސާ ބަޔާން އިއްވުން އޮތީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ހުލާސާ ބަޔާން އިއްވައި ނިމޭތާ 30 ދުވަހުގެ ތެރޭގައި ހުކުމް ކުރަންޖެހެ އެވެ.

ހުލާސާ ބަޔާން އިއްވި ދުވަހު މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ އެ ދުވަހުން ރަސްމީ 15 ދުވަހުގެ ތެރޭގައި މައްސަލައިގައި ހުކުމް ކުރުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެ މުއްދަތު މިހާރު ވަނީ ފަހަނައަޅާ ގޮސްފަ އެވެ.

ނޫމަޑީގެ އެއްބަސްވުންތައް ބާތިލްކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނެވި ދުވަސްވަރު އެވެ.