ކުށްކުރުން

ކުދި ކުށްތަކުގައި ޖަލަށްލުން ނޫން އަދަބު ދެނީ

ކުދި ކުށްތައް ސާބިތުވުމުން ޖަލަށް ލުން ނޫން އަދަބުތައް ދޭން ވިސްނަމުން އަންނަ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އިންޓަނޭޝަނަލް ނޮން ވައިލެންސް ޑޭ އާ ގުޅިގެން ރާއްޖެ ޓީވީން ރޭ ގެނެސްފިން ޕެނަލް ޑިސްކަޝެންއެއްގަ އެވެ.

އޭނާ ވިދާޅުވީ ކުދި ކުށްތަކުގައި ވެސް މިހާރު މީހުން ޖަލަަށްލާ ކަމަށާއި އެހެން ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި ކުދި ކުށްތަކަށް ޖަލު އަދަބު ނޫން އަދަބުތައް ދޭ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުދި ކުދި ކުށްތަކަށް ޖަލު އަދުބު ނޫން އަދަބުތައް ދިނުމުގެ މަރުހަލާއަށް ދާން މިހާރު މިސްރާބު ޖަހައިފައިވާ ކަމަށާއި އަދި ރާއްޖޭގެ ގާނޫނުލް އުގޫބާތު މިހާރު އޮތް ގޮތުން ވެސް ޖަލު ނޫން އަދަބު ދެވިދާނެ ކަމަށެވެ.

"އެކަމަށްޓަކައި ރާއްޖޭގެ ސުޕްރީމް ކޯޓުން ވަރަށް ހާއްސަ މަސައްކަތެއް ކުރައްވައިފި. ޝަރީއަތް ކުރުމުގައި ޖަލު ނޫން އަދަބެއް ދެވޭނެ އިޖުރާތެއް ގާއިމްކޮށްފައި އެބައޮތް. މިހާރު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އެބަ މަސައްކަތް ކުރަން އެ އަދަބު ތަންފީޒު ކުރެވޭނެ ގޮތުގެ ނިޒާމުތަކެއް ހަމަޖައްސަން" އޭނާ ވިދާޅުވި އެވެ.