ތަފާތު އެކި މައްސަލަތަކުގައި 44 ގައިދީއަކު މިދިޔަ ޖޫން މަހު ޖަލަށް އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހާމަކޮށްފި އެވެ.
ކަރެކްޝަންސްގެ ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ މަހު ޖަލަށް އިތުރުވި މީހުންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުންނެވެ. އެއީ 48.6 ޕަސަންޓް މީހުންނެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު ޖޫން މަހު ޖަލަށް އިތުރުވި މީހުންގެ 21.6 ޕަސަންޓަކީ މީހެއްގެ މުދަލަށް ހުއްދަނޫން ގޮތުގައި ބާރު ފޯރުވި މީހުންނެވެ. އަދި 8.1 ޕަސަންޓު މީހުންނަކީ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ މީހުންނެވެ.
ޖަލަށް މިދިޔަ މަހު އިތުރުވި މީހުންގެ 2.7 ޕަސަންޓް މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަތަކުގައި ހިމެނޭ މީހުންނެވެ. މާރާމާރީގެ މައްސަލަތަކުގައިވެސް މި އަދަދަށް މީހުން މިދިޔަ މަހު ޖަލަށް އިތުރުވި އެވެ.
މީގެ އިތުރުން މިދިޔަ މަހު ޖަލަށް އިތުރުވި މީހުންގެ 2.7 ޕަސަންޓް މީހުންނަކީ ކޯޓުގެ ހުރުމަތް ކެނޑި މީހުންނެވެ. ރިމާންޑުންފިލުމާއި ފްރޯޑްގެ މައްސަލަތަކުގައިވެސް މި އަދަދަށް މީހުން ޖަލަށް އިތުރުވި އެވެ.
ޖަލުން މިދިޔަ މަހު 47 މީހަކު ވަނީ ދޫކޮށްލާފަ އެވެ. އޭގެ ތެރެއިން 18 މީހުންނަކީ ހުކުމް ތަންފީޒުކޮށް ނިމިފައިވާ މީހުންނެވެ.
ކޯޓުން ހުކުމްކުރުމުން މިދިޔަ މަހު 12 މީހަކު ދޫކޮށްލާފައިވާއިރު ކްލެމެންސީގެ ދަށުން އަށް މީހަކު އަދި ޕެރޯލްގެ ދަށުން ހަ މީހަކު ވަނީ ދޫކޮށްލާފަ އެވެ. މީގެ އިތުރުން ތިން މީހަކު ނެޝަނަލް ޑްރަގް އެޖެންސީ -- އެންޑީއޭއަށް ވަނީ ހަވާލުކޮށްފަ އެވެ.