ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާ ދޫކޮށްލައިފި

އިންޑިއާ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ އިންޒާރު ދިންކަމުގެ ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އެމްޑީޕީގެ މެންބަރު މުހައްމަދު އިނާދު ބަންދުން ދޫކޮށްލައިފި އެވެ.

އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަލައިގައި އިނާދު ހައްޔަރުކުރީ މިދިޔަ ޖުލައި މަހު އެވެ. އަދި އެ މައްސަަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރަން މިދިޔަ މަހު 30 ވަނަ ޕްރޮސިއުޓާ ޖެނެރަލް އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވި އެވެ.

އިނާދުގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމާއި ބިރުދެއްކުމުގެ ކުށުގެ ދައުވާ އެެވެ. އެ މައްސަލަ ސާބިތުވެއްޖެ ނަަމަ އޭނާައަށް 4 އަހަރާއި 6 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

ނަމަވެސް މިއަދު ޕްރޮސިއުޓާ ޖެނެރަލް އޮފީހުން ބުނީ އިނާދުގެ ކުށުގެ ރެކޯޑާއި، މުޖުތަމައުގައި އަދާކުރާ ދަޢުރަށް ރިޢާޔަތްކޮށް އަދި އޭނާ ކުށުގެ އަމަލު ހިންގާފައިވަނީ ސޯޝަލް މީޑިއާގެ ވަސީލަތެއް ބޭނުންކޮށްގެން އިންޒާރުދީގެންކަމަށްވެފައި، އިންޒާރުދިން ދިނުން ފިޔަވައި، މީނާދިން އިންޒާރާއެއްގޮތަށް އަމަލުކުރުމުގެ އެއްވެސް ނިޔަތެއް ނުވަތަ ވަސީލަތެއް އޭނާގެ އޮތްކަން ދޭހަވާފަދަ ސަބަބެއް ފާހަގަވެފައި ނުވާ ކަމަށެވެ.

އެހެންވެ ވަކި ޝަރުތުތަކާ އެކު އިނާދު ބަންދުން ދޫކުރުމަށް އެ އޮފީހުން އެދުނު ކަމަށެވެ. އަދި އެ އެދުމާ އެއްގޮތަަށް އިނާދު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އިންޑިއާގެ ހައި ކޮމިޝަން ގޮއްވާލާނެކަމުގެ އިންޒާރު ދިން އިނާދު ވަނީ 2019 ވަނަ އަހަރު މަޖިލީސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދަން ޕްރައިމަރީގައި ވާދަވެސްކޮށްފަ އެވެ. ނަަމަވެސް ބޮމުގެ އިންޒާރާ ގުޅިގެން އެ މައްސަަލަ ފުލުހުން ބެލުމަށް ފަހުން ނިންމާ ނިންމުމެއްގެ މައްޗަށް ބަލައި އޭނާ ޕާޓީން ވަކިކުރުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.