މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ރައީސަކަށް ނާޒިމް ހޮވިއްޖެ

Oct 4, 2021

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކަމުގެ މަގާމަށް އެ ޕާޓީގެ އެއް މުއައްސިސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިންތިހާބަކާ ނުލައި ހޮވިއްޖެ އެވެ.

އެމްއެންޕީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އެ ޕާޓީގެ ވަގުތީ އިންޓެރިމް ކައުންސިލްގެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިއްޔެގެ ނިޔަަލަށް ވަނީ ހަމަވެފަ އެވެ.

މުއްދަތު ހަމަވިއިރު އެމްއެންޕީގެ ރައީސްގެ މަގާމަށް ދަނގެތީ ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ ނާޒިމްގެ އިތުރުން އެހެން ބޭފުޅަކު ކުރިމަތިލައްވާފައެއް ނުވެ އެވެެ. އެމްއެންޕީން އެކުލަވާލާފައިވާ އަސާސީ ގަވައިދުގައިވާ ގޮތުން ޕާޓީގެ އިންތިހާބީ މަގާމަކަށް އެއް ބޭފުޅަކު ކުރިމަތިލައިފިނަމަ އިންތިހާބަކާ ނުލައި އެ ބޭފުޅަކު ހޮވޭނެ އެވެ.

އެ އުސޫލުން އެމްއެންޕީގެ ހަ ނައިބު ރައީސުންގެ ތެރެއިން ހަތަރު ނައިބު ރައީސުންގެ މަގާމަށް ވެސް އިންތިހާބަކާ ނުލައި ބޭފުޅުން ވަނީ އިންތިހާބުވެފަ އެވެ. އެމްއެންޕީއަށް ނައިބު ރައީސުން ހޮވަނީ ރާއްޖެ ފަސް ސަރަހައްދަކަށް ބަހާލައިގެން އެ ފަސް ސަރަހައްދުން ހޮވޭ އެއް ބޭފުޅަކާއި އަންހެން ބޭފުޅުންގެ ތެރެއިން ނައިބު ރައީސުންގެ މަގާމަށް ހޮވޭ ބޭފުޅަކު ހިމެނޭ ގޮތަށެވެ.

ނައިބު ރައީސުން

  • އަހްމަދު ޝަރީފް (ސައިރިކްސް ޝަރީފް) - ދެކުނު ސަރަހައްދު
  • އަބްދުﷲ ރިޔާޒު (ތިމަރަފުށި ދާއިރާގެ މެންބަރު) - މެދު ދެކުނު ސަރަހައްދު
  • އަހްމަދު އުޝާމް (ވިލިމާލެ ދާއިރާގެ މެންބަރު) - މެދު ސަރަހައްދު
  • ހުސައިން އިސްމާއީލް - އުތުރު ސަރަހައްދު

އެމްއެންޕީގެ ނައިބު ރައީސުންގެ މަގާމަށް އިތުރަށް ހޮވަންޖެހޭ ދެ ޖާގައިގެ ތެރެއިން މަތި އުތުރު ސަރަހައްދަށް ވަނީ ތިން ބޭފުޅަކު ކުރިމަތިލައްވާފަ އެވެ. އެގޮތުން އެ ސަރަހައްދަށް ކުރިމަތިލެއްވީ ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފާއި، ކުރީގެ ޕްރެޒެންޓަރު އަހްމަދު އަނޫޝްގެ އިތުރުން މުހައްމަދު ސައީދެވެ. އަންހެން ބޭފުޅުންގެ ތެރެއިން ނައިބު ރައީސުންގެ މަގާމަށް ހޮވާ ޖާގައަށް ކުރިމަތިލައްވާފައި ވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި މާލޭގެ ހެންވޭރުގެ ދާއިރާ އަކަށް ވާދަކުރެއްވި މިރުފަތު އިސްމާއީލް ޝަފީގާއި ރެހެންދި އެވޯޑް ހާސިލް ކުރައްވާފައިވާ އައިޝަތު ހުސައިން މަނިކު އެވެ.

އެމްއެންޕީގެ ޔޫތު ވިންގުގެ ލީޑަރުގެ މަގާމާއި ވިމެންސް ވިންގުގެ ލީޑަރުގެ މަގާމަށް ވެސް ތިން ބޭފުޅަކު ވާދަކުރައްވަ އެވެ.

އެމްއެންޕީގެ ރައީސާއި ނައިބު ރައީސާއި ޔޫތު ވިންގުގެ ލީޑަރާއި ވިމެންސް ވިންގުގެ ލީޑަރުގެ އިތުރުން އެމްއެންޕީގެ ކައުންސިލަށް އިތުރު 21 ބޭފުޅުން އިންތިހާބު ކުރަންޖެހެ އެވެ. އިތުރަށް އިންތިހާބު ކުރާ 21 ބޭފުޅުންގެ ތެރެއިން ހަތް ބޭފުޅުންނަކީ އަންހެން ބޭފުޅުންނަށް ވުމަށް ޝަރުތު ކޮށްފައިވެ އެވެ. އެގޮތުން އެމްއެންޕީގެ ކައުންސިލަށް 26 ބޭފުޅުން އަދި ކައުންސިލްގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ހަތް ބޭފުޅުންގެ ޖާގަ އަށް 12 ބޭފުޅުން ކުރިމަތިލައްވާފައިވެ އެވެ.

އެމްއެންޕީ އުފެއްދުމަށް ބާއްވާ ޖަލްސާ އަންނަ ހުކުރު ދުވަހު ބޭއްވުމަށް މިހާރު ވަނީ ނިންމާފަ އެވެ.

ޕާޓީގެ 300 މެންބަރުންނާއި އެކު ބާއްވަންޖެހޭ މި ޖަލްސާގައި ޕާޓީގެ އަސާސީ ގަވައިދާ ލޯގޯ އަދި އެހެން ބައެއް ކަންކަން ފާސް ކުރަން ޖެހެ އެވެ.