ދުނިޔެ

"ތާލިބާނުންނާ މެދު ޖީ20 އިން ދެކޭ ގޮތް ހާމަކުރަން ގޮވާލަން"

ފްރާންސްގެ ރައީސް އިމަނުލެއް މެކްރޮން ދެކެވަޑައިގަންނަވާ ގޮތުގައި ޖީ20 ގައުމުތަކަށް ތާލިބާނުން ބަލައިގަނެވޭނެ ގޮތެއް އޮންނަން ޖެހެ އެވެ. ޝަރުތުތަކެއް ކުރިމަތިކޮށްފައި ނަމަވެސް ތާލިބާނުން ބަލައިގަނެގެން ނޫން ގޮތަކަށް އަފްޣާނަށް އެހީތެރި ވެވެން ނެތް ކަމަށް މެކްރޮން ވިދާޅުވި އެވެ.

މެކްރޮން ވިދާޅުވި ގޮތުން ޖީ20 އޭ ކިޔާ ގައުމުތަކުން، އެއީ ޔޫރަޕާއި އެމެރިކާ، ޗައިނާ އާއި ރަޝިއާއަށް އަދި ދުނިޔެ ހިންގަން އިއްތިހާދު ވެގެން ބިތި ގައުމުތަކަށް އެއްބަސްވެވޭ ޝަރުތުތަކެއް ކަނޑައަޅައިގެން ނަމަވެސް ތާލިބާނުންނާ ހަމައަށް ދާން ޖެހެ އެވެ.

ފްރާންސްގެ ބްރޯޑްކާސްޓަރުންނަށް ދެއްވި އިންޓަވިއުއެއްގައި މެކްރޮން ވިދާޅުވީ ތާލިބާނުންނާމެދު ޖީ20 ގައުމުތަކުން ދެކޭ ގޮތް ސާފުކޮށް މިހާރު ހާމަކުރަން ވެއްޖެ ކަމަށެވެ.

މެކްރޮން ވިދާޅުވީ ފުރަތަމަ ޝަރުތު ކުރަންވީ އަފްޣާންގައި ތިބި މީހުންގެ ތެރެއިން ހިމާޔަތަށް އެދޭ މީހުންނަށް ގައުމުން ބޭރުވެވޭނެ ގޮތެއް ކަނޑައެޅުން ކަމަށެވެ.

ތާލިބާނުންނަކީ ޓެރަރިސްޓުންނާ އެއްވެސް ގުޅުމެއް ނޯންނަ ޖަމާއަތެއްކަން ކަށަވަރުކޮށް ދިނުމަށް ޝަރުތު ކުރެވިދާނެ ކަމަށް މެކްރޮން ވިދާޅުވި އެވެ. އަދި އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމާއެކު ކަނބަލުންނަށް ހައްގުތައް ކަށަވަރުކޮށްދޭން ވެސް ޝަރުތުކުރެވިދާނެ އެވެ.

އަފްޣާންގައި މިހާރު ވެރިކަން ކުރަނީ ތާލިބާނުންނެވެ. މެކްރޮން ވިދާޅުވީ ތާލިބާނުން އަފްޣާނަށް ވެރިވެގަތުމަށް ފަހު އަފްޣާން މަސްލަހަތުވަމުން އަންނަ ކަމަށް ބެލެވުނު ނަމަވެސް އިންސާނީ ހައްގުތަކުގެ ސަފުގައި ތާލިބާނުން އުޅެނީ ތަންކޮޅެއް ފަހަތުގައި ކަމަށެވެ.

މެކްރޮ ވިދާޅުވީ ތާލިބާނުންގެ ވެރިކަމެއްގައި ޔޫރަޕުން ބޭނުންވާހާ ގޮތަކަށް އަފްޣާން ދުވަހަކު ވެސް ބަދަލު ނުވާނެ ކަމަށާއި ހިތް ނުރުހޭ ކަންތައްތަކުގައި ވެސް ޝާމިލްވެ މުއާމަލާތްކޮށް އުޅެން ޖެހޭ ކަމަށެވެ.

ތާލިބާނުންނާ މުއާމަލާތް ކުރުމަށްޓަކައި ގޮތެއް ކަނޑައެޅުމަށް ޖީ20 ގައުމުތަކުން އޮކްޓޯބަރު 12 ގައި އެކްސްޓްރާއޯޑިނަރީ ސަމިޓެއް ބާއްވާނެ ކަމަށް އިޓަލީން ވެސް އޮތީ ބުނެފަ އެވެ. ބެލެވޭ ގޮތުގައި ތާލިބާނުންނަށް ޝަރުތު ކަނޑައެޅުން މި ދައްދަލުވުމުގައި އޮންނާނެ އެވެ.