އަބްދުއްރަހީމް އަބްދުﷲ

އެންމެ ރަނގަޅީ ގައުމީ ދުވަހު ރައީސް އިސްތިއުފާ ދިނުން: އަބްދުއްރަހީމް

Oct 6, 2021
3

މި ސަރުކާރުން ދިވެހި ގައުމިއްޔަތު "ފުނޑާލައި" ރާއްޖޭގެ މިނިވަންކަން ވިއްކާލާފައިވާތީ މާދަމާ ފާހަގަކުރާ ގައުމީ ދުވަހު އެންމެ ރަނގަޅު ގޮތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މަގާމުން އިސްތިއުފާ ދެއްވުން ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިިދިކޮޅު ކޯލިޝަނުން ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ގައުމީ ދުވަހަކީ އުތީމު މުހައްމަދު ތަކުރުފާނު ދިވެހި ގައުމަށްޓަކައި ޖިހާދު ކުރައްވާ، ވަރަށް ވަރުގަދަ އިސްތިއުމާރީ ބާރެއްގެ އަތްދަށުން ރާއްޖެ ސަލާމަތް ކުރެއްވި ދުވަސް ކަން ދިވެހިންނަށް އެނގޭނެ ކަމަށެވެ. އެފަދަ މަތިވެރި ދުވަހެއް ފާހަގަކުރަން މިގައުމުގައި ތިބި "ޣައްދާރުން" ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި ދިވެހިން އަޅުވެތިކޮށްފައިވާތީ ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންކަމުން ރައީސް ސޯލިހުގެ އިސްތިއުފާ އަށް ތަކުރާރުކޮށް ގޮވާލެއްވި އެވެ.

"ސާލިހާއި ނަޝީދު އަޅުގަނޑަށް ސިފަކުރެވެނީ މީދޫ ތަކުރާ މީދޫ ތަކުރުގެ ދަރި ތުއްފާށަނާ ގޮތުގައި. އެއީ އަނދިރިއެއް އައްޔެއް ނެތް އެމީހުންނަކަށް. ވެރިކަމުގައި ތިބެވިއްޖާ ހެޔޮ. ބާރާ އާރާ އޮތިއްޔާ އެންމެ ރަނގަޅު. އެމީހުން ބުނެއުޅުނީ ތިމަންނަމެންނަށް މައްލައެއްނެތޭ ދިވެހިން ނޫނަކަސް. ތިމަންނަމެންނަށް ވެރިކަން އޮވެއްޖިއްޔާ ހެވޭ. އެހެންވީމަ އެވަރުގެ ބަޔަކު އަރާ ދައްކާނެ ގައުމީ ވާހަކައެއް ނޯންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމީ ދުވަހު ރައީސް ސޯލިހަށް ކޮށްދެވޭނެ އެންމެ ރަނގަޅު އަނެއް ކަމަކީ މިފަހުގެ ތާރީހުގައި ދިވެހި ގައުމިއްޔަތު ދިރުވާއި ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް އެންމެ ބޮޑު ގުރުބާނީއެއް ވެވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތުން މިނިވަންކުރުން ކަމަށެވެ.

ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރުމުން ފިއްލަދޫ ރައްޔިތުން ކުރި ހިތްވަރުން އަލުން އެ ރަށްޔިތުންނަށް ދައްޕަރު ލިބިފައިވާތީ އަބްދުއްރަހީމް ވަނީ އެއީ ގައުމީ މަސައްކަތެއް ފާހަގަކުރައްވާ ފިއްލަދޫ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. ދިވެހި ގައުމިއްޔަތު ހިމާޔަތްކުރުމަށްޓަކައި އުތުރު ތިލަފަޅު ވަކި ބަޔަކަށް ދިނުމަށް ސިއްރުން އެކުލަވާލާފައިވާ އެއްބަސްވުން ވަގުތުން ބާތިލްކޮށް އުތުރު ތިލަފަޅު ދިވެހި ސިފައިންނާ ހަވާލުކުރުމަށް ވެސް އަބްދުއްރަހީމް ގޮވާލެއްވި އެވެ.

"މިގޮތަށް ހެދިފައި ހުރި ހުރިހާ ގޮތްނޭނގޭ އެގްރީމެންޓްތައްވެސް ބާޠިލްކޮށްދެއްވާށޭ. ބާތިލްކޮށްދެއްވާފައި ދިވެހީންގެ ހައްގު ދިވެހިންނަށް ހޯދައިދެއްވާށޭ. މި ދިވެހި ފަސްގަނޑުގައި ބޭރު ގައުމެއްގެ އަސްކަރީ ބާރެއް އޮންނާކަށް ދިވެހިން ނޭދޭ. އަދި އެކަން ކުރުމުގެ ފުރުސަތެއް ގާނޫނުއަސާސީން އެއްވެސް ބަޔަކަށް ނުދޭ،" އިންޑިއާ އިން ރާއްޖެ އަޅުވެތި ކުރާ ކަމަށް ތުހުމަތުކުރައްވާ ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ދީނަށް ފުރައްސާރަ ކޮށްފިއްޔާ މިސަރުކާރުން އެމީހަކާ މެދު ދެކެނީ ނުކުޅެދޭ މީހެއް ނުވަތަ މަސްތުގެ ހާލުގައި ހުރި މީހެއް ނުވަތަ ބުއްދި ހަމަނުޖެހޭ މޮޔައެއްގެ ގޮތުގައި ކަމަށެވެ. ދުނިޔޭގެ ގައުމުތަކުގައި ލާދީނީ ކަންކަން ފަތުރަން މަސައްކަތް ކުރަނީ އެފަދަ ގޮތަކަށް ކަމަށާއި އެއީ ސަރުކާރުން ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. މިސަރުކާރާ ދެކޮޅަށް އަޑުއުފުލާ މަގުމައްޗަށް ނުކުންނަން ޖެހެނީ ރައްޔިތުން ބަލައިނުގަންނަ އެފަދަ އަމަލުތައް ހިންގާތީ ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް ކަފާލާތުގެ ފުރުސަތު ގެއްލުނީ އެ ފުރުސަތު ނުދީ ދެ އަހަރު ހިފަހައްޓައި، އެމަނިކުފާނަށް އަނިޔާ ދިނުމުން ކަމަށެވެ. ރައީސް ޔާމީނަށް މިހާރު ކަފާލާތު މުހިއްމު ނޫން ކަމަށާއި މިހާރު ބޭނުންވަނީ ރައީސް ޔާމީންގެ ޝަރީއަތް އަވަހަށް ނިންމަން ކަމުގައިވެސް ވިދާޅުވި އެވެ.

"ހައްގުގެ މަގަށް މާތްﷲ އަބަދުވެސް ނަސްރު ދެއްވާނެ. ރައީސް ޔާމީނަށްވެސް ނަސްރު ދެއްވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.