ގއ. ނިލަންދޫ

އަބާދީގެ 97 ޕަސަންޓް ވެކްސިން ޖެހުމުން ވެސް މޮނިޓަރިންއަށް

Oct 6, 2021

ފ. ނިލަންދޫގެ އާބާދީގެ 97 ޕަސަންޓް މީހުން ކޮވިޑް 19ގެ ވެކްސިން ފުރިހަމަކޮށްފައި ވަނިކޮށް އެރަށް މޮނިޓަރިން އަށް ލުމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ވިދާޅުވީ އާބާދީގެ ބޮޑު ބައެއް ވެކްސިން ފުރިހަމަ ކުރުމުން އެ ރަށެއް މޮނިޓަރިން އަށް ނުލާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގެންގުޅޭ އުސޫލާ ހިލާފަށް ނިލަންދޫ މޮނިޓަރިން އަށް ލުމުން ކަންބޮޑުވާ ކަމަށެވެ.

އަލީ ވިދާޅުވީ ނިލަންދޫ މޮނިޓަރިން އަށް ގެނައީ އެރަށުގެ އެއް އާއިލާ އަކަށް ނިސްބަތްވާ ތިން މީހުން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ. އެކަމަކު މީގެކުރިން ނިލަންދޫ މޮނިޓަރިންއަށް ގެންދާނަމަ ކައުންސިލާ ވާހަކަދައްކާ ކަމަށާއި މިފަހަރު އެފަދަ އެންގުމެއް ވެސް ކުރިން އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

"ހަގީގަތުގައި ރަށް މޮނިޓަރިންއަށްލީ މިއަހަރުގެ ޓީޗަރުންގެ ދުވަސް ވަރަށް ކުލަގަދަކޮށް ރަށުގައި ފާހަގަކުރަން ނިންމާފައި ވަނިކޮށް. ހަރަދުތަކެއް ވެސް އަޅުގަނޑުމެން އެކަމަށް ކުރިން. އެކަމަކު ރަށް މޮނިޓަރިން އަށް ލުމާ ގުޅިގެން އެޑިޔުކޭޝަނުން ވަނީ ޓީޗާސް ޑޭ ފާހަގަކުރުން ރަނގަޅު ނޫން ކަމަށް އަންގާފައި. އެހިސާބުން އެކަން ވެސް ހުއްޓުނީ،" އަލީގެ ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ނިލަންދޫ މޮނިޓަރިންއަށް ލާފައިވަނީ އަތޮޅު ހޮސްޕިޓަލުން ފޮނުވަންޖެހޭ ލިޔުންތަކެއް އެޗްޕީއޭ އަށް ނުލިބިގެން ކަމަށް އެޗްޕީއޭ އިން ބުނާ ކަމަށެވެ. ނަމަވެސް އެޗްޕީއޭ އަށް ފޮނުވަން ޖެހޭ ލިޔުންތައް ފޮނުވަމުންދާ ކަމަށް އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ނިލަންދޫގައި ވެކްސިން ނުޖަހާ ތިބި މަދު ބަޔަކު ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ވެކްސިން ޖަހާނެ ކަމަށްވެސް އަލީ މައުލޫމާތު ދެއްވާފައިވެ އެވެ.

އަލީ އިތުރަށް ވިދާޅުވީ ނިލަންދޫ ކުއްލި އަކަށް މޮނިޓަރިންއަށް ލުމުން ރައްޔިތުންގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. ހާއްސަކޮށް ރަށުން ފުރައިގެން ދިއުމަށް ދަތިތަކެއް ހުރުމުން އެކަމާ ރައްޔިތުން ކަންބޮޑުވާ ކަމަށެވެ.

ނިލަންދޫގެ އާބާދީގައި 2،378 މީހުން ތިބިއިރު އެރަށުގައި އާންމުކޮށް ދިރިއުޅެނީ 1،600 މީހުންނެވެ.