ރާއްޖެ ކުޅިވަރު

ގަދަ ހަޔަކަށް ވަނުމަށް ވެލެންސިއާ، ވިކްޓަރީ، ބީޖީ ފަހު ހަނގުރާމަ އަށް

އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ގަދަ ހަޔަކަށް ވަނުމަށް ވެލެންސިއާ އާއި ވިކްޓަރީ އަދި ބީޖީ ކަރުތާ ފެނުގައި އެންމެ ފަހު ހަނގުރާމަ ކުރަން ޖެހިއްޖެ އެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ އެންމެ މެޗެއް އޮތްއިރު ގަދަ މިއަދާއި މިރޭ ކުޅޭ މެޗުތަކަށް ފަހު ގަދަ ހަޔެއް ކަށްވަރުވާނެ އެވެ. ޓޭބަލުގެ ފުލަށް ގޮސް މަހިބަދު ރެލިގޭޓްވެފައިވާއިރު ހަތް ވަނަ ޓީމަށް ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޓީމު ގްރީން ސްޓްރީޓާއެކު ޕްލޭއޯފް މެޗެއް ކުޅޭށެވެ.

މި މެޗު ނުކުޅެ ސަލާމަތްވުމަށް ރާއްޖޭގެ ފުޓްބޯޅައި ބޮޑު ތިން ބާރުގެ ތެރެއިން ދެ ބާރު ކަމަށް ވެލެންސިއާ އާއި ވިކްޓަރީގެ ފަހަތުން ބީޖީ ވާދަކުރާއިރު ކޮންމެ ޓީމަކަށް ވެސް މޮޅުވެގެން ސަލާމަތް ވެވޭނެހާ އަމިއްލަ ބާރު އެބައޮތެވެ.

ވިކްޓަރީ އަށް މިހާތަނަށް 14 ޕޮއިންޓް ލިބިފައިވާއިރު ވެލެންސިއާ އާއި ބީޖީ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. އެކަމަކު ޖަހާފައިވާ ގޯލުގެ ތަފާތުން ކުރި ލިބެނީ ވެލެންސިއާ އަށެވެ. ވެލެންސިއާ އާއި ބީޖީ އަށް ގެއްލުން ހަ ގޯލު އޮތްއިރު ވިކްޓަރީ އަށް ގެއްލުން އޮތީ ދެ ގޯލެވެ.
މިހެންވެ ލީގުގައި މިއަދު ހަވީރު މަހިބަދޫ އަތުން މޮޅުވެގެން ނޫނީ ވެލެންސިއާ އަށް ސަލާމަތެއް ނެތެވެ. މޮޅުވެގެން ވެލެންސިއާ ގަދަ ހަޔެއް ކަށަވަރުކުރާއިރު އެނޫން ނަތީޖާއެއް ނުކުމެއްޖެ އަމިއްލަ ބާރު ގެއްލޭނެ އެވެ. އެއީ މިރޭ ވިކްޓަރީ އާއި ބީޖީ ވާދަކުރަން ޖެހޭތީ އެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް ވިކްޓަރީ އަށް ގަދަ ހަޔެއް ކަށަވަރުވާނެ އެވެ. އެކަމަކު ބީޖީ އަށް މޮޅުވުން ނޫން ނަތީޖާއެއްނެތެވެ.

އެންމެ ފަހު މެޗަށް ނުކުންނައިރު ތިން ޓީމު ވެސް ތިބީ ޔަގީންކަމާއެކުގަ އެވެ.

ވެލެންސިއާގެ މެނޭޖަރު އަބުދުﷲ ޝިބާއު ބުނީ ވެލެންސިއާ ގަދަ ހަޔަކަށް ކޮލިފައިވާނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.
"އިރާދެކުރެވިއްޔާ ވެލެންސިއާ ގަދަ ހަޔެއްގައި އޮންނާނެ. ވެލެންސިއާ ވަރަށް ރަނގަޅަށް ކުޅެމުން މި އަންނަނީ. ރަނގަޅު ނަތީޖާތައް ނެރެ ބޮޑެތި ޓީމުތައް އަތުން މޮޅުވެސް ވެފައި މިވަނީ. އެކަމަކު މަހިބަދޫ އަށް އެއްވެސް ޕްރެޝަރެއް ނެތް މެޗަކަށްވާތީވެ ވެލެންސިއާ ވަރަށް ފަރުވާތެރިވާންޖެހޭނެ. އެހެންނޫނީ ލަނޑެއް ލިބިދާނެ. ކުޅުންތެރިން ތިބީ މެޗުން މޮޅުވާން ވަރަށް ފޯރީގައި،" ޝިބާއު ބުންޏެވެ.

ވިކްޓަރީގެ އެސިސްޓެންޓް ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) ބުނީ އޭނާގެ ޓީމު ވެސް ގަދަ ހަޔަކަށް ވަންނާނެ ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ ވިކްޓަރީ ގަދަ ހަޔެއްގައި އޮންނާނެ. އެއާ ދޭތެރޭ ސުވާލެއްވެސްނެތް،" ލީގުގައި އެންމެ ފަހުން ވެލެންސިއާއާ ބައްދަލުކޮށް 0-0އިން އެއްވަރުވި މެޗަށް ފަހު ފެސްކޯ ބުންޏެވެ.

ބީޖީގެ ކޯޗު މުހައްމަދު ޝާޒްލީ ވެސް ބުނީ އޭނާގެ ޓީމު ގަދަ ހަޔަކަށް ވަންނާނެ ކަމާމެދު ޝައްކު ނުކުރާ ކަމަށެވެ.

"އެކަމަކު ބީޖީ ކަހަލަ ޓީމުތަކަށް ޑިސްއެޑްވާންޓޭޖް އެބަލިބޭ. ޓޭބަލް އެތުރިފައި އޮތް ގޮތުން ވެސް. އެކަމަކު ވެސް ބީޖީ ގަދަ ހަޔަކަށް ވަންނަން ވަރަށް މަސައްކަތް ކުރާނަން،" ޝާޒްލީ ބުންޏެވެ.

ލީގުގެ އެންމެ ފަހު މެޗުތަކާ ކުރިމަތިލާއިރު ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ނިއުރޭޑިއަންޓް ވަނީ ލީގު ކަށަވަރުކޮށްފަ އެވެ. ދެ ވަނަ ޓީސީ އަށް ލިބިފައިވާއިރު ތިން ވަނަ އަށް ވާދަކުރަނީ އީގަލްސް އާއި މާޒިޔާ އެވެ. ދެ ޓީމަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު ގޯލުގެ ތަފާތުން މިވަގުތު ކުރީގައިވަނީ މާޒިޔާ އެވެ.