ޓޭބަލުގެ ފުލަށް ގޮސް ރެލިގޭޓްވެފައިވާ މަހިބަދޫ 5-1 އިން ބަލިކޮށް، އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ގަދަ ހަޔެއް ކުލަބު ވެލެންސިއާ މިއަދު ކަށަވަރުކޮށްފި އެވެ.
މި ނަތީޖާގެ ސަބަބުން އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދަން ކުޅޭ ޕްލޭއޯފް މެޗުގައި ކުޅެން ޖެހޭނީ ވިކްޓަރީ ނުވަތަ ބީޖީ އެވެ. މީގެ ތެރެއިން ލީގުގައި މިރޭ ވިކްޓަރީ އާއި ބީޖީ ކުޅޭ މެޗުން ވިކްޓަރީ ބަލިނުވެއްޖެނަމަ އެ ޓީމަށް ގަދަ ހަޔެއްގެ ފަހު ޖާގަ ކަށަވަރުވެ، ބީޖީ ޕްލޭއޯފް ކުޅެންޖެހޭނެ އެވެ. ޕްލޭއޯފުން ސަލާމަތްވާން ބީޖީ އަށް އޮތް ހަމައެކަނި ގޮތަކީ މޮޅުވުމެވެ.
ގަލޮޅު ދަނޑުގައި މިއަދު ކުޅުނު މެޗު ވެލެންސިއާ ފެށީ ވެސް ލަނޑަކާއެކުގަ އެވެ. ހަސަން ސޮލާހު ޖެހި ލަނޑުން ކުރި ހޯދައި ވެލެންސިއާ ވަނީ ފުރަތަމަ 20 މިނިޓް ތެރޭގައި ތިން ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ދެ ގޯލު ސޮލާހު ޖެހިއިރު ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާ ޖެހި ފަހު ދެ ގޯލު ޖެހީ ބަލްގޭރިޔާގެ ފޯވަޑް މިޓްކޯވް މިރްޗޭވްެ އެވެ. އޭގެ ފަހުން ވެލެންސިއާގެ ފަސް ވަނަ ލަނޑު ފަހު ހާފުގައި ޖެހީ ބަދަލު ކުޅުންތެރިޔާ އަބުދުލްވާހިދެވެ. ވެލެންސިއާ ފަސް ލަނޑު ޖެހި ފަހުން މަހިބަދޫ އަށް ސުން ކަނޑުވާލީ ބްރެޒިލް ފޯވަޑް އެންޑަސަން ޖެހި ލަނޑުންނެވެ.
މި މެޗުން މޮޅުވުމުން ވެލެންސިއާ ގަދަ ހަޔެއް ކަށަވަރު ކުރީ 16 ޕޮއިންޓާއެކުގަ އެވެ. ގަދަ ހަޔަކަށް ދެން ވާދަ ކުރާ ވިކްޓަރީ އަށް 14 ޕޮއިންޓް އަދި ބީޖީ އަށް ލިބިފައިވަނީ 14 ޕޮއިންޓެވެ. ބާކީ އެއް މެޗު އޮއްވައި ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ނިއުރޭޑިއަންޓް ޗެމްޕިއަންކަން ހޯދާފައިވާ ލީގުގައި މަހިބަދޫ އަށް ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ.