މޯލްޑިވްސް ނޭޝަނަލް ޕާޓީ

އެމްއެންޕީގެ ލޯގޯ، ދިދަ، އަސާސީ ގަވާއިދު ފާސްކޮށްފި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އުފެއްދުމުގެ ބައްދަލްވުން ފަށައިފި އެވެ. މިއަދު މެންދުރު ފަހު ފެށި ބައްދަލްވުން ކުރިއަށް ގެންދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ.

ފުރަތަމަ ދަންފަޅީގައި ކުރިއަށް ދަނީ ޕާޓީގެ ނަން ފާސްކުރުމާއި ލޯގޯ އާއި ނިޝާން އަދި ޕާޓީގެ ދިދަ ފާސްކުރުމެވެ. މީގެ އިތުރުން އަސާސީ ގަވާއިދު ފާސްކުރުމާއި އިންތިހާބު ކުރަން ޖެހޭ މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމެވެ.

ޕާޓީގެ ނަމެއްގެ ގޮތުގައި "މޯލްޑިވްސް ނެޝަނަލް ޕާޓީ" މި ނަން ފާސްކުރުމަށް ވޯޓަށް އެހުމުން 332 މެންބަރުން ވަނީ ވޯޓް ދީފައެވެ. ތިން މެންބަރަކު ވޯޓް ދިނީ އެ ނަން ފާސްކުރަން ނުފެންނަ ކަމަށެވެ.

އެމްއެންޕީގެ ލޯގޯ ފާސްކުރަން 301 މެންބަރަކު ވޯޓް ދިނެވެ. އެ ވޯޓްގައި 37 މެންބަރަކު ވަނީ ވޯޓަށް އެހި ލޯގޯ ފާސްކުރަން ނުފެންނަ ކަމަށް ވޯޓް ދީފައެވެ.

ޕާޓީގެ ދިދަ ފާސްކޮށްފައިވަނީ 306 މެންބަރުންގެ ވޯޓުންނެވެ. ވޯޓަށް އެހި ދިދަ ފާސްކުރަން ނުފެންނަ ކަމަށް 37 މެންބަރަކު ވޯޓް ދިނެވެ.

އަސާސީ ގަވާއިދު ފާސްކޮށްފައިވަނީ 302 މެންބަރުންގެ ވޯޓުންނެވެ.

މީގެ އިތުރުން މިއަދު ކުރިއަށްދާ އިންތިހާބުގެ ކަންކަމަށް ވަގުތީ އިލެކްޝަންސް ކޮމެޓީއެއް ވަނީ އިންތިހާބު ކޮށްފައެވެ. އަދި މިހާރު ވޯޓް ނެގުން ވަނީ ފަށާފައެވެ. ވޯޓްލުން ކުރިއަށް ގެންދަނީ އޮންލައިން ކޮށެވެ. މިއީ ސިޔާސީ ޕާޓީއެއްގެ މިފަދަ ބައްދަލްވުމެއްގައި އޮންލައިން ވޯޓިން ސިސްޓަމް ބޭނުން ކުރާ ފުރަތަމަ ފަހަރެވެ.

މިހާރު ކުރިއަށް ދަނީ މަތި އުތުރު ރީޖަންގެ ނާއިބު ރައީސް ހޮވުމާއި އަންހުންނަށް ހާއްސަކޮށްފައިވާ ނާއިބު ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމާއި އަންހެނުންގެ ވިންގުގެ ލީޑަރު ހޮވުމާއި ޒުވާނުންގެ ވިންގުގެ ލީޑަރު ގޮވުމުގެ އިތުރުން ކައުންސިލްގެ މެންބަރު ކަމަށް 14 މެންބަރަކު ހޮވުން އަދި ކައުންސިލުން އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް މެންބަރުން ހޮވުމެވެ.

މަތި އުތުރު ރީޖަންގެ ނާއިބު ލީޑަރު ކަމަށް ތިން މެންބަރަކު ވާދަ ކުރެއެވެ. އަންހެނުންނަށް ހާއްސަކުރި ނާއިބު ރައީސް ކަމަށް ދެ މެންބަރަކު އަދި އަންހެނުންގެ ވިންގުގެ ލީޑަރު ކަމަށް ތިން މެންބަރަކު ވާދަކުރެއެވެ. ޒުވާނުންގެ ވިންގުގެ ލީޑަރު ކަމަށްވެސް ތިން މެންބަރަކު ކުރިމަތިލާފައިވެއެވެ.

ކައުންސިލްގެ 14 ގޮނޑިއަށް 26 މެންބަރަކު އަދި ކައުންސިލްގައި އަންހެނުންނަށް ހާއްސަކުރި ހަތް ގޮނޑިއަށް 11 މެންބަރަކު ކުރިމަތިލާފައިވެއެވެ.