ފަރަހަ ނާޒު ފައިސަލް

މަހުގެ ޑިއުޓީ ކުޑަކޮށްދޭން ސަފީރު ފަރަހަނާޒު ގޮވާލައްވައިފި

Oct 8, 2021

ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގަމުންދާ ޑިއުޓީއަށް ލުއި ދިނުން ލަސްވަމުންދާތީ އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ފަރަހަނާޒު ފައިސަލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އިނގިރޭސިވިލާތުގައި "ރީސްޓޯރިން އަވަ ބްލޫ ޕްލެނެޓް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ކޮންފަރެންސްގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ސަފީރު ފަރަހަނާޒް ވިދާޅުވީ ރާއްޖެ އިން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން 20 އިންސައްތައިގެ ޑިއުޓީއެއް މިވަގުތު ނަގަމުންދާ ކަމަށެވެ.

ދެމެހެއްްޓެނިވި ގޮތަކަށް މަސްވެރިކަން ކުރުމަށް އިނގިރޭސި ސަރުކާރުން ބާރުއަޅާއިރު ރާއްޖެއަކީ އެކަމުގައި ނަމޫނާ ގައުމެއް ކަން ފާހަގަކުރެއްވި އެވެ. އެގޮތުން ސަފީރު ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް ދެމެހެއްޓެނިވި ގޮތަކަށް އަދި ތިމާވެއްޓާ ރައްޓެހި ގޮތަށް މަސްވެރިކަން ކުރާ ގައުމެއް ކަމަށެވެ. އެކަމަކު ކޮމަންވެލްތުގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑު ޑިއުޓީއެއް ދައްކާ އެެއް ގައުމަކީ ރާއްޖެ ކަމަށްވެފައި ރާއްޖެއާ މެދު އެގޮތަށް އަމަލުކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ކޮންޒަވޭޓިވް އެންވަޔަރަންމަންޓު ނެޓްވޯކް އަދި މެރިން ކޮންޒަވޭޓިވް ސޮސައިޓީގެ ފަރާތުން ބޭއްވި މި ކޮންފަރެންސްގައި ސަފީރު ވަނީ ރާއްޖެއިން ޑިއުޓީގެ ގޮތުގައި ދައްކާ އަދަދު ކުޑަކޮށްދިނުމަށް ވެސް ގޮވާލައްވާފަ އެވެ.

ރާއްޖެއިން ޔޫރަޕާއި އިނގިރޭސިވިލާތަށް އެތެރެކުރާ މަހަށް ލިބެމުން ދިޔަ ޑިއުޓީގެ އިނާޔަތްތައް ޔޫރަޕުން ކަނޑާލީ ތަރައްގީވަމުން އަންނަ ގައުމަކުގެ ލިސްޓްގައި ރާއްޖެ ހިމެނުމާ ގުޅިގެން 2013 ވަނަ އަހަރު އެވެ. ޔޫރަޕުން އެ ފިޔަވަޅު އެޅުމާ ގުޅިގެން ރާއްޖެ އިން ޔޫރަޕަށް އެތެރެކުރާ މަހުން ލިބެމުން ދިޔަ ފައިދާއަށް އަސަރުކޮށްފައިވެ އެވެ.

ރާއްޖެ އަކީ އިނގިރޭސިވިލާތަށް އެންމެ ގިނައިން ކަންނެލި އެތެރެކުރާ އެއް ގައުމެވެ. އިނގިރޭސިވިލާތް، ޔޫރަޕިއަން ޔޫނިއަނުން ވަކިވުމުގެ ކުރިން ރާއްޖެ އިން އެ ގައުމަށް އެތެރެކުރާ މަހުން 24 އިންސައްތައިގެ ޑިއުޓީއެއް ނަގަމުން ދިޔަ އެވެ. މިހާރު ނަގަމުންދާ 20 އިންސައްތައިގެ ޑިއުޓީ އަކީ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ މަޝްވަރާކުރުމުން ދިން ލުޔެކެވެ. އެކަމަކު 20 އިންސައްތަ ވެސް ބޮޑު ކަމަށް ފެންނާތީ ދިވެހި ސަރުކާރުން ގެންދަނީ އެ އަދަދު ވެސް ކުޑަކުރުމަށް އިނގިރޭސި ސަރުކާރުގައި އެދެމުންނެވެ.

ރާއްޖެއާ ގުޅުންހުރި މައްސަލަތަކުގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އާ މަޝްވަރާކުރުމަށް މިދިޔަ މަހުގެ ދެވަނަ ހަފްތާގެ ތެރޭގައި ރާއްޖޭގެ ވަފްދެއް ވަނީ އީޔޫގެ މައި އިދާރާ ގާއިމުކޮށްފައިވާ ބެލްޖިއަމްގެ ބްރަސަލްސް އަށް ވަޑައިގެން އީޔޫގެ ޑިރެކްޓޮރޭޓް ޖެނަރަލް ފޮ މެރިޓައިމް އެފެއާޒް އެންޑް ފިޝަރީޒްއާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުވުމުގައި ވެސް ރާއްޖެއިން ޔޫރަޕްގެ ގައުމުތަކަށް ބޭރުކުރާ މަހުގެ ބާވަތްތަކަށް ނަގާ ޑިޔުޓީ ކުޑަކުރުމަށް މަޝްވަރާކުރައްވާފައިވެ އެވެ.