ޑރ. ހުސައިން ރަޝީދު ހަސަން

ޔޫކޭއަށް ބޭރުކުރާ މަހުން ޑިއުޓީ ކަނޑައިދޭނެ: މިނިސްޓަރު

ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރު ކުރާ މަހުން ޑިއުޓީ ކަނޑައި ދޭނެ ކަމުގެ އުއްމީދު އެބައޮތް ކަަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރި ވަޑައިގެން އިއްޔެ ރޭ ދެއްކެވި ވާހަކަފުޅެއްގަ އެވެ. އޭނާ ވިދާޅުވީ އިނގިރޭސިވިލާތަކީ މިހާރު ވެސް ރާއްޖެއިން އެންމެ ގިނައިން މަސް އެކްސްޕޯޓްކުރާ އެއް ގައުމު ކަމަށާއި އެ ގައުމަށް ބޭރުކުރާ މަހުން ޑިއުޓީ ކަނޑާލައިފިނަމަ ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ.

ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ މަހުން ޑިއުޓީ ކަނޑާލަން ސަރުކާރުން އެދިފައިވީ ނަމަވެސް ރާއްޖޭގައި ދީނީ މިނިވަންކަމާއި އިންސާނީ ބައެއް ހައްގުތައް ނެތް ކަަމަށް ބުނެ އެގޮތަށް ހަމަޖައްސައިދީފަ އެއް ނުވެ އެވެ. ނަމަވެސް މިނިސްޓަރު ވިދާޅުވީ އެކަމާ ގުޅުވައި ޔޫރަޕުން ޑިއުޓީ މާފު ނުކޮށްދީ ތިބޭނެ ކަމަށް ގަބޫލު ކުރައްވަން ދަތިފުޅު ކަމަށެވެ.

މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި ޔޫރަޕުން މަހުގެ ޑިއުޓީ މާފު ނުކޮށްދޭ އެހެން ސަބަބުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ޔޫރަޕްގައި އެންމެ ފުޅާކޮށް މަސްވެރިކަން ކުރާ ސްޕެއިނާއި ފްރާންސްގެ ކުންފުނިތަކުގެ މަސްލަހަތު ދެމެހެއްޓުން ހިމެނެ އެވެ.

"ޔޫރަޕްގެ ދެ ގައުމެއްގެ މަސްލަހަތާމެދު ޔޫރަޕިއަން ޔޫނިއަނުން ވިސްނާނެ. އެކަމަކު މިވަގުތު ޔޫކޭއަކީ ޔޫރަޕިއަން ޔޫނިއަންގެ ގައުމެއް ނޫން. އަޅުގަނޑުމެންގެ އެންމެ ބޮޑު މާކެޓް އެއީ. އިރާދަކުރެއްވިއްޔާ މި އަންނަ ކޮޕް 26 [މޫސުމީ ސަމިޓް] ފެށޭއިރު އަޅުގަނޑުމެންނަށް ޔޫކޭ ޒީރޯ ރޭޓް ލިބޭނެކަމަށް ބެލެވޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ޔޫކޭ ސަރުކާރާ ވާހަކަ ދައްކައިގެން އެކަން ކުރާނަން." މިނިސްޓަރު ވިދާޅުވި އެވެ.