ރާއްޖެއިން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ކަނޑާލުމަށް އެ ޔޫނިއަންގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެެވެ.
ފިޝަރީޒް މިނިސްޓަރު މިހެން ވިދާޅުވީ މަހަށް ހަމަ އަގު ހޯދައިދިނުމާ ގުޅޭ ގޮތުން ބިލަތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް) މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މަހަށް ހަމައަގު ހޯދައިދިނުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށާއި އެ ވައުދު ފުއްދުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރަމުން ގެންދާ ކަމަށެވެ.
ޑރ. ހުސައިން ވިދާޅުވީ މަހަށް ހަމަ އަގު ހޯދޭނީ ރަނގަޅު މާކެޓްތަކަށް މަސް ފޮނުވިގެން ކަމަށާއި ރާއްޖެއިން އީޔޫއަށް ފޮނުވާ މަހުން މިވަގުތު 22 ޕަސެންޓް ޓެކްސްގެ ގޮތުގައި ނަގަމުންދާ ކަމަށެވެ.
"އެ ޑިއުޓީގެ އެގްޒެމްޝަން ހޯދުމަށްޓަކައި ޔޫރަޕިއަން ޔޫނިއަންއާ ވާހަކަ ދައްކަން. ދާދި ފަހުންވެސް ޔޫރަޕިއަން ޔޫނިއަންގެ ވަަފުދަކާއެކު ވާހަކަ ދެއްކި. އެ މީހުން މިހާރު ޕްރޮޕޯސްކޮށްފައި އެބަހުރި ތިމާވެށީގެ ކަންކަމުގައި ސަސްޓެއިންކޮށް މަސައްކަތް ކުރާ ގައުމުތަކާ ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ މަސައްކަތަށް ޑިއުޓީ އެގްޒެމްޝަން ލިބޭގޮތަށް ފަރުމާކުރުމަށް އެ ބޭފުޅުން ހުށަހަޅުއްވާ. އެ މަސައްކަތް ދިވެހި ސަރުކާރާއެކު އެބަކުރެވޭ. އެ މަސައްކަތް ކާމިޔާބުކުރެވުނީމާ ޔޫރަޕިއަން ޔޫނިއަންއަށް މިހާރު އަޅުގަނޑުމެން ދައްކާ ޑިއުޓީ ނުދައްކާ އެހެން ބައެއް ގައުމުތަކާ އެއްގޮތަށް މަސައްކަތް ކުރެވުނީމާ މަހުގެ އަގު މައްޗަށް ގެންދެވިދާނެ" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއިން އީޔޫއަށް އެކްސްޕޯޓުކުރާ މަހުން ޑިއުޓީ ކަނޑާލުމަށް މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ވާހަކަތައް ދެއްކި ނަމަވެސް އެކަމުގައި ކޮޅެއް ނުޖެހެ އެވެ.
މީގެ ކުރިން މިނިސްޓަރު ވިދާޅުވީ އީޔޫއިން ޑިއުޓީ ކަނޑާނުލަނީ ރާއްޖޭގެ ކަނޑުތައް ޔޫރަޕްގެ ކުންފުނިތަކަށް ހުޅުވާނުލާތީ ކަމަށެވެ. މޮރިޝަސް، ސީޝެލްސް އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން އެގައުމުގެ ކަނޑުތައް ހުޅުވާލައިފައިވާތީ އެގައުމުތަކުން އެކްސްޕޯޓުކުރާ މަހުން ޑިއުޓީ ކަނޑާލައިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.