ޔުކްރޭނުން އެދުމުން އަވަސް އެހީގެ ގޮތުގާ ޒަމާނީ ހަނގުރާމައިގެ ވަސީލަތްތަކެއް ދިނުމަށް ޖީސެވަން އިން ވައުދުވެއްޖެ އެވެ.
އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ ގައުމުތަކުގެ މައްޗަށް އެކުލެވޭ ޖީސެވަން ގްރޫޕުން އިއްޔެ މިކަމަށް ވައުދުވީ ޖީސެވަންގެ ގައުމުތަކުގެ ވެރިންނާ އެކު ޔުކްރޭންގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ވާޗުއަލްކޮށް ބޭއްވި ބައްދަލުވުމެއްގައި އޭނާގެ ގައުމަށް އަސްކަރީ އެހީގެ ބޭނުން ވަރަށް ބޮޑު ކަމަށް ވިދާޅުވުމާ ގުޅިގެނެވެ.
ޒެލެންސްކީ ވިދާޅުވި ގޮތުގައި ޖީސެވަން ގައުމުތަކުން އެހީތެރިކަން ބޭނުން ވަނީ ވައިގެ މަގުން ޔުކްރޭން ދިފާއުކުރުމަށް ކަމަށެވެ.
ޒެލެންސްކީ ވިދާޅުވީ ޒަމާނީ ޓޭންކަރުތަކާއި، ބަޑި ވަޒަނާއި، ދުރު ރާސްތާއަށް ދަތުރުކުރާ ހަތިޔާރުގެ އިތުރުން ދެ ބިލިއަން ކިއުބިކް ޓަނުގެ ގޭސް ޔުކްރޭނަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.
ޔުކްރޭނުން ގޭހަށް އެދިފައި މިވަނީ ރަޝިއާއިން އެ ގައުމަށް ދޭ ވައިގެ ހަމަލާތަކުގައި ޔުކްރޭންގައިވާ ހަކަތަ އުފައްދާ އެތައް ޕްލާންޓުތަކެއް ހަލާކުކޮށްލާފައިވާތީ ކުރިއަށް އޮތް ފިނި މޫސުމުގައި އެތައް މިލިއަން ޔުކްރޭން ރައްޔިތުން ހާލުގައި ޖެހިދާނެ ކަމުގެ ބިރު އޮތުމުންނެވެ.
ޔޫރަޕިއަން ޔުނިއަން (އީޔޫ)ގެ ހާރިޖީ ވަޒީރުންގެ ފެންވަރުގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވަނީ ޔުކްރޭނުގެ ލަޝްކަރަށް އެހީގެ ގޮތުގައި ކުރިން ދޭން އެއްބަސްވެފައިވާ ފަންޑަށް އިތުރު ދެ ބިލިއަން ޔޫރޯ ދޭން ވެސް އެއްބަސްވެފަ އެވެ.
ހުޅަނގުގެ ބައެއް ގައުމުތަކުންނާއި ޔުކްރޭނުން ބުނާ ގޮތުގައި ރަޝިއާ އިން ގެންދަނީ ޔުކްރޭނުގެ އާމުންނަށް އަމާޒުކޮށް ހަމަލާދެމުންނެވެ. އެކަމަކު ރަޝިއާ އިން އެ ތުހުމަތު ދޮގުކުރެ އެވެ.
އިނގިރޭސިވިލާތުގެ ޑިފެންސް މިނިސްޓަރު ބެން ވޮލެސް ވިދާޅުވީ ޔުކްރޭނުގެ ހަކަތަ އުފައްދާ ސަރަހައްދުތަކަށް ރަޝިއާ އިން ހަމަލާ ދޭން ބޭނުންކުރަމުންދާ ޑްރޯންތައް ވައްޓާލުމަށް ދިގު ރާސްތާއަށް ދަތުރުކުރެވޭ މިސައިލް ޔުކްރޭނަށް ދިނުމާ މެދު ވިސްނަވާނެ ކަމަށެވެ.
އދ އިން ބުނާ ގޮތުގައި ޔުކްރޭނުގެ އާބާދީގެ 40 އިންސައްތަ މީހުންނަށް ވަނީ ބައިނަލްއަގުވާމީ ގޮތުން ލިބޭ އެހީއަށް ބަރޯސާވާން މަޖުބޫރުވެފަ އެވެ. އަދި އަމިއްލަ ގައުމު ދޫކޮށް ސަލާމަތްތެރިކަން ހޯދުމަށް ޔޫކްރޭނުގެ 7.8 މިލިއަން ރައްޔިތުން ވަނީ ޔޫރަޕުގެ އެހެން ގައުމުތަކަށް ހިޖުރަކޮށްފަ އެވެ.