ދުނިޔެ

ރަޝިއާގެ ތެޔޮ ހުޅަނގަކަށް ނުވިއްކާނަން: ޕުޓިން

ރަޝިއާއިން ޔުކްރޭނަށް އެރުމާ ގުޅިގެން ރަޝިއާ އިން ތެޔޮ ގަންނަން ވަކި އަގެއް ކަނޑައަޅާފައިވާ ހުޅަނގުގެ ގައުމުތަކާއި ކުންފުނިތަކަށް ތެޔޮ ނުވިއްކާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމީއާ ޕުޓިން ވިދާޅުވެއްޖެ އެވެ.

ރަޝިއާގެ އިގްތިސޯދު އިނދަޖައްސާލުމުގެ ގޮތުން ހުޅަނގުގެ ބައެއް ގައުމުތަކުން ރަޝިއާގެ ތެޔޮ ގަތުމަށް ވަކި އަގެއް ކަނޑައެޅުމާ ގުޅިގެން އެކަމުގެ ރައްދުގައި ޕޫޓިން ވަނީ ކުރިއަށް އޮތް އަހަރުގެ ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން ފަސް މަހަށް ރަޝިއާ އާއި ދެކޮޅު ހުޅަނގުގެ ގައުމުތަކަށް ރަޝިއާ އިން އުފައްދާ ސާފުނުކުރާ ތެލާއި، ތެލުގެ އިތުރު ބާވަތްތައް ނުވިއްކުމަށް އަންގަވާފަ އެވެ.

ޕުޓިންގެ އަމުރުގައި ވަނީ ވަކި ގައުމުތަކަކަށް އޭނާގެ ހާއްސަ ހުއްދައާއި އެކު ތެޔޮ ވިއްކުމުގެ ފުރުސަތު ލިބޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަނީ ރަޝިއާއިން ވިއްކާ ސާފުނުކުރާ ތެޔޮ ފީފާއެއް 60 އެމެރިކާ ޑޮލަރަށް ވުރެ ބޮޑު ނުކުރަން އީޔޫގެ ގައުމުތަކުގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ. އީޔޫގެ ބައެއް ގައުމުތަކުން މި ނިންމުމަށް ދެކޮޅު ހެދި ނަމަވެސް އީޔޫ އިން މި ނިންމުން ނިންމީ އެމެރިކާގެ ވަރަށް ބޮޑު ބައިވެރިވުމަކާ އެކު އެވެ.

ދުނިޔޭގެ އިގްތިސާދީ ގޮތުން އެންމެ ބާރުގަދަ ގައުމުތައް ހިމެނޭ ޖީސެވަންގެ ބައެއް ގައުމުތަކުން ވެސް އީޔޫގެ ނިންމުމާ އެއްގޮތަށް މި މަހު ފަސްވަނަ ދުވަހު އަމަލުކުރަން ފަށާފަ އެވެ.

ރަޝިއާ އަށް ދަތިކުރަން ވެގެން އީޔޫ އިން ވަނީ ރަޝިއާ އިން ސާފުނުކުރާ ތެޔޮ ކަނޑުމަގުން ބޭރުކުރުން ހުއްޓުވުމަށް އީޔޫއަށް ބާރު ހިންގޭ ބައެއް ކަނޑުއޮޅިތައް ވެސް ބަންދުކޮށްފަ އެވެ.

އީޔޫގެ ނިންމުމާ ގުޅިގެން ރައްދުގައި ރަޝިއާ އިން ބުނީ ހުޅަނގުން ތެޔޮ ނުގަތަސް އެންމެ ރަނގަޅު ކަމަށާއި ތެޔޮ ގަންނަން ބޭނުންވާ އާ ކިތަންމެ މާކެޓެއްވެސް ލިބިފައިވާ ކަމަށެވެ. އަދި ހުޅަނގުން ކިތަންމެ ވަރަކަށް ދަތިކުރި ނަމަވެސް ރަޝިއާ އިން ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލް ނުވަނީސް ޔުކްރޭނުން ނުފައިބާނެ ކަމުގައިވެސް ބުނެފައިވެ އެވެ.