ފިއުލް ސަޕްލައިޒް މޯލްޑިވްސް (އެފްއެސްއެމް) އިން ސެލްފް ސާވިސް ޝެޑެއްގެ ހިދުމަތް ފެށުމަށްޓަކައި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޓެސްޓް ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވީ ސެލްފް ސާވިސް ޝެޑެއްގެ ހިދުމަތް ފެށުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ.
އެފްއެސްއެމް އިން އެ މަސައްކަތް ކުރަނީ ޝެޑް ތަކުގައި ބޭނުންކުރާ ޑިސްޕެންސަރު އުފައްދާ ތައިލެންޑްގެ ބަޔަކާ ގުޅިގެންނެވެ.
ގަސަމް ވިދާޅުވީ ސެލްފް ސާވިސް ޝެޑްގެ ހިދުމަތް ފެށުމަށްޓަކައި ޝެޑްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނުޖެހޭ ކަމަށެވެ. ހިދުމަތް ފެށުން ލަސްވަނީ ތައިލެންޑް ކުންފުންޏާއި ރާއްޖޭގެ ބެންކް އޮފް މޯލްޑިވްސްއާ ދެމެދު އިންތިޒާމުތަކެއް ހަމަޖެއްސުމަށް މަޝްވަރާތަކެއް ކުރިއަށްދާތީ ކަމަށްވެސް ވިދާޅުވި އެވެ.
"މީގައިވާ ގޮތަކީ އަޅުގަނޑުމެންގެ މުވައްޒަފެއް ނެތި ވެހިކަލް ދުއްވާ މީހާ އަމިއްލައަށް ތެޔޮ އަޅާފައި އެ އަދަދަށް ފައިސާ ކަނޑާލާނެ ސިސްޓަމްގެ ތެރެއިން. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ބީއެމްއެލްގެ އެހީތެރިކަން ވެސް މިކަމުގައި ހޯދަން. މިހާރު ކުރަމުން އެ ދަނީ އެ މަސައްކަތް. އެ މަސައްކަތް ނިމުނީމާ ޓެސްޓްތައް ދެ ހަފްތާ ތެރޭ ފެށޭނެ ކަމަށް މިބަލަނީ. ޓެސްޓް ކާމިޔާބުވުމުން ހިދުމަތް ފަށާނަން،" ގަސަމް ވިދާޅުވި އެވެ.
ސެލްފް ސާވިސް ޝެޑްގެ ހިދުމަތް އެންމެ ފުރަތަމަ ފަށާނީ ހުޅުމާލޭގައި މިހާރު ވެސް ހިދުމަތް ދެމުންދާ އެފްއެސްއެމް ޝެޑްގަ އެވެ. އެފްއެސްއެމް އިން ދަނީ މިއަހަރު ނިމުމުގެ ކުރިން ހިދުމަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ޝެޑަށް ގެންނަންޖެހޭ ޓެކްނިކަލް ބަދަލުތައް ގެނެސް ތަމްރީން ކުރަންޖެހޭ މުވައްޒަފުން ތަމްރީން ކުރަމުން ކަމަށް ގަސަމް ކުރިން ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑުމެން ފުރަތަމަ ހުޅުމާލޭގައި މި ހިދުމަތް ފަށާފައި ވަރަށް ގާތުން ބަލާނަން މިހިދުމަތް ކުރިއަށްދާ ގޮތް. މި ހިދުމަތަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން ހިތްހަމަޖެހޭ ހިދުމަތެއްތޯ ބެލުމަށް ފީޑްބެކް ހޯދާނަން. އެއަށްފަހު މިއީ އަޅުގަނޑުމެންނަށް ވެސް ފަސޭހަ އަދި ފައިދާވާ ގޮތަކަށް ދެވޭ ހިދުމަތެއް ނަމަ ކުރިއަށް ގެންދާނަން،" ގަސަމް ވިދާޅުވި އެވެ.
އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެފްއެސްއެމްގެ ފަސް ޝެޑަކުން މާލެ ސަރަހައްދުގައި ހިދުމަތްދެ އެވެ. އެއީ ހުޅުމާލޭގައި ހުންނަ ޝެޑެއްގެ އިތުރުން މާލޭގައި ހުންނަ ހަތަރު ޝެޑެވެ.
އެފްއެސްއެމް އިން ގެންދަނީ މާލެއާއި އަތޮޅު ތެރޭގެ ގިނަ ރަށްތަކަކަށް އަދި ބައެއް ރިސޯޓުތަކަށް ވެސް ތެޔޮ ސަޕްލައި ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ.