އޭސީސީ

އޭސީސީގެ ރިޕޯޓްގައި ދޮގު މައުލޫމާތު އެބަހުރި: ސްޓްރާޑާ

ބްރިޖްވިއުއިން ޕްލެޓްފޯމް ޕްރޮޖެކްޓް މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާކުރަން އޭސީސީން އެކުލަވާލި ރިޕޯޓްގައި ދޮގު މައުލޫމާތު އެބަހުރި ކަމަށް ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ބުނެފި އެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަކީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ބްރިޖްވިއުއިން ޕްލެޓްފޯމް ޕްރޮޖެކްޓް ހަވާލުކުރި ކުންފުންޏެވެ.

ސްޓްރާޑާ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މުއިއްޒަށް ދައުވާކޮށްދިނުމަށް އޭސީސީން ޕީޖީ އޮފީހަށް ފޮނުވާފައިވާ ރިޕޯޓްގައި ހަގީގަތް އޮޅޭފަދަ މައުލޫމާތު އެބަހުރި ކަމަށެވެ. އެގޮތުން ހައުސިން މިނިސްޓްރީއާއި އެކު ވެވުނު އެއްބަސްވުމުގައިވާ ޕާކިން އޭރިއާ ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ޗާޓައިމް ހެދުމުގެ ހުއްދަ މިނިސްޓްރީން ސްޓްރާޑާ އަށް ދިނުމުން، އެއްބަސްވުމުގައިވާ ސަރަހައްދުގެ އިތުރުން 2464 އަކަފޫޓުގެ ބިމުގެ ސަރަހައްދެއް ސްޓްރާޑާއަށް އިތުރަށް ލިބިފައިވާ ކަމަށް ރިޕޯޓްގައިވާ މައުލޫމާތަކަކީ ދޮގު ކަމަށެވެ.

އޭސީސީގެ ރިޕޯޓްގައި އިތުރު ސަރަހައްދު ކަމަށް ބުނެފައި އެވަނީ ބްރިޖް ވިއުއިން ޕްލެޓްފޯމާއި އެކު އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުސްކޮށް އޮތް ހުސް ޖާގަ ހިމަނައިގެން ކަމަށްވެސް ބަޔާނުގައިވެ އެވެ. އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާފައިވާ ސަރަހައްދު ސްޓްރާޑާ އިން އެއްބަސްވުމުގައިވާ މުއްދަތުގައި ބަލަހައްޓައިދެމުން ދިޔަ ނަމަވެސް އެއީ އެ ކުންފުންޏަށް ލިބިފައިވާ އިތުރު ސަރަހައްދެއް ނޫން ކަމަށް ފާހަގަކޮށްފައިވެ އެވެ.

ސްޓްރާޑާއިން ނޮވެމްބަރު 1، 2017 އިން ޖުލައި 1، 2018 އަށް އަރާފައިވާ ކުލި ވާނީ ކުލި ދެއްކުން ލަސްވުމުގެ ސަބަބުން ދައްކަންޖެހޭ ޖޫރިމަނާއާއި އެކު ދައްކާ ހަލާސްކޮށްފައި ކަމަށްވެސް ބަޔާނުގައިވެ އެވެ. ސްޓްރާޑާ އިން ބުނާ ކުއްޔަކީ ބްރިޖު ވިއު ސަރަހައްދުގައި އެ ކުންފުނިން ހެދި ރެސްޓޯރަންޓް، ނިއުޕޯޓްގެ ކުއްޔެވެ. އޭސީސީގެ ރިޕޯޓްގައި ސްޓްރާޑާ އިން 1,976,548 ރުފިޔާ ދައުލަތަށް ނުދައްކާ އޮތް ކަމަށް ބުނެފައިވާތީ އެ ވާހަކަތައް ވެސް ސްޓްރާޑާ އިން ދޮގުކޮށްފައިވެ އެވެ.

ސްޓްރާޑާ އިން އިތުރަށް ބުނެފައިވަނީ އޭސީސީން މިމައްސަލައާއި ގުޅޭގޮތުން ފުރަތަމަ ހިންގި ތަހުގީގުގައިވެސް އަދި މިހާރު ނެރެފައިވާ ރިޕޯޓަށް ވެސް އެ ކުންފުނީގެ އެއްވެސް ބަހެއް ހޯދާފައި ނުވާ ކަމަށެވެ. އަދި އެތައް ފަހަރަކު އެދުމުންވެސް އެފުރުސަތު ދީފައި ނުވާ ކަމަށެވެ. އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ އަކީ އެކުންފުނީގެ އެއް ޑައިރެކްޓަރާ ޒާތީ މައްސަލައެއް އޮތް ފަރާތެއް ކަމަށްވެސް ފާހަަގަކޮށްފައިވެ އެވެ. އެގޮތުން އެ ކުންފުނީގެ އެއް އައުޓްލެޓް ކަމަށްވާ ނިއުޕޯޓް ބޮއިކޮޓް ކުރުމަށް ހިންގާފައިވާ ކެމްޕޭނުގައި ޝިއުނާ ބައިވެރިވެފައިވާ ކަމަށާއި އެހެންކަމުން ރިޕޯޓްގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ސްޓްރާޑާ އިން ބުނެފައިވެ އެވެ.