ބޯހިޔާވަހިކަން

ގޯތި ފޯމް ނަގަން ދިގު ކިޔުއެއް ހަދައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް އިއުލާންކޮށް މިއަދު ފުރުސަތު ހުޅުވާލުމާއެކު ފޯމް ނަގަން ދިގު ކިޔުއެއް ހަދައިފި އެވެ.

ހައުސިން މިނިސްޓްރީގެ މުޅި ގޯތި ތެރޭގައި މީހުން ފުރިފައިވާއިރު ފޯމް ދޫކުރަން ފަށަނީ 4:30 ގައި މިނިސްޓްރީން ވަނީ ބުނެފަ އެވެ. މިހާރު ވެސް ކިޔުގައި ގާތްގަނޑަކަށް އެއްހާސް މީހުން އެބަ ތިއްބެވެ.

ދިގު ކިޔެއް ހަދާފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ވަނީ އެ މަސައްކަތް ހުއްޓާލުމަށް ދާދިދެންމެ ހައުސިން މިނިސްޓްރީއަށް އަންގާފަ އެވެ. އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ސޮއި ކުރައްވައި މިއަދު ހައުސިން މިނިސްޓްރީއަށް ފޮނުވި ސިޓީއެއްގައި ބުނީ، ހުޅުމާލެއިން ގޯތި ވިއްކަން ހުޅުވާލި ކަންތަކުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމާއި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތަކެއް ހުރި ކަމަށް ބެލެވޭތީ އެ މައްސަލަ ބަލައި ނިންމައި ވަކި އެއްޗެއް އަންގަންދެން ގޯތި ވިއްކުން މަޑުޖައްސާލަން އަންގާ ކަމަށެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ ވެސް މިއަދު މީޑިއާތަކަށް ވިދާޅުވީ، އެކަން ނުކުރުމަށް މީގެ ކުރިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް އަންގާފައިވާނެ ކަމަށާއި އެކަން ހުއްޓުވަން ނިންމާފައިވަނީ ސަރުކާރު ޓްރާންސިޝަން މަރުހަލާގައި އޮތުމުން ނޫން ކަމަށެވެ. އެކަން ހުއްޓުވަން އެކޮމިޝަނުން ނިންމާފައިވަނީ އެކަށީގެން ނުވާ ކުޑަ އަގެއްގައި ބިން ވިއްކުމަށް ނިންމާފައިވާތީ ކަމަށް ހަސަން ލުތުފީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ވިއްކަން ހުށަހަޅާފައިވާ އަގާއި އެހެން އެއްޗިއްސަށް ބަލާއިރުގައި، ވިއްކަން ހުށަހަޅާފައިވާ އަގަކީ އެތަން ހިއްކަން ހިނގި ހަރަދުވެސް ނުލިބޭ، ނުއަގެއްގައި، އެގޮތަށް އެކަން ކުރާތީ ހުއްޓާލަން އަންގަނީ،" ލުތުފީ
ވިދާޅުވި އެވެ.

ހުޅުމާލެއިން 1000 އަކަފޫޓުގެ 400 ގޯތި ދޫކުރަނީ، 400،000 ރުފިޔާއަށް ބިމެކެވެ. އަދި ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމަށް ފަހު ބަކީ ފައިސާ 10 އަހަރު ތެރޭ ކޮންމެ މަހަކު ދައްކާ ހަލާސް ކުރާ ގޮތަށެވެ.

ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ފޯމް ނަމްބަރުތައް ގުރުއަތުލުމަށް ފަހު 400 މީހުން ގުރުއަތުލާނެ ކަމަށާއި ބުރާސްފަތި ދުވަހު ފޯމް ބަލައިގަތުން ނިމުމުން ހުކުރު ދުވަހު އިދާރީ މަސައްކަތް ކުރުމަށް ފަހު އަންނަ ހޮނިހިރު ދުވަހު ދަރުބާރުގެ ފަދަ ތަނެއްގައި ރައްޔިތުންގެ ކުރިމަތީގައި ގުރުއަތު ނަގާނެ ކަމަށެވެ.

"އެންމެން ހަމަހަމަ ވާނެ މީގަ ތަފާތު ކުރުމެއް ނޯންނާނެ، 400 ފަރާތް އެންމެންގެ ހާޒިރުގައި ލައިވް ޓީވީގައި އަޅުގަނޑުމެން ކުރިމަތިލާނީ، ގުރުއަތު ލައިގެން 400 ފަރާތް އަޅުގަނޑުމެން ލާނީ،" މުއިއްޒު ވިދާޅުވި އެވެ.

ގޯއްޗަށް ކުރިމަތިލުމުގެ ޝަރުތުތަކު ތެރޭގައި 18 އަހަރުވެފައިވާ މާލޭގެ ރައްޔިތަކަށްވުން ނުވަތަ ދަފްތަރުގައި ޖެހިފައިވުމާއި ކައިވެނިކޮށްފައިވުމާއި 600 އަކަފޫޓުގެ ގޯއްޗެއް ނުވަތަ ފްލެޓެއް ނެތް މީހަކަށްވުން ހިމެނެ އެވެ. އަދި ސަރުކާރުގެ ބޯހިޔާވެހިކަމުގެ އެއްވެސް މަޝްރޫއަކުން ބޯހިޔާވެރިކަމެއް ލިބިފައި ނެތް މީހަކަށް ވުމެވެ.

މުޅިން އަލަށް ގޯތި ދޫކުރަން ފަށާފައިވާ އިރު ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ގޯއްޗާއި ފްލެޓު ދޫކުރުމުގެ މަސައްކަތާއި އާ މަޝްރޫއުތައް މަޑުޖައްސާލުމަށް ޑިރެކްޓާ ޖެނަރަލް އޮފް ޓްރާންސިޝަން ވަނީ އަނގައިފަ އެވެ. އެގޮތުން ދާދި ފަހުން އޭސީސީއިން ވަނީ ސަރުކާރުން ހިންގާ "ހިޔާ" މަޝްރޫއުގެ އިދާރީ މަސައްކަތްތައް ވެސް ހުއްޓާލުމަށް ވަނީ އަންގައިފަ އެވެ.