ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމުގައި އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ)ގެ އެންގުމާ ހިލާފުވެފައި ނުވާނެ ކަމަށާއި ގޯތި ދޭނީ އެންމެ ހައްގުވެރި ފަރާތަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހައުސިން މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތް ހުއްޓާލުމަށް އެދި އޭސީސީއިން އެނގި ނަމަވެސް އަލުން އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަ އެ ކޮމިޝަނުން އަންގަފައިވާ ކަމަށެވެ. އެއީ އެންމެ ހައްގުވެރި ފަރާތްތަކަށް ގޯތި ލިބޭ ގޮތަށް ގޯތި ދޫކުރުމުގެ ކަންކަން ކުރިޔަށް ދާނެ ގޮތުގެ އުސޫލެއް ވެސް އެ ކޮމިޝަނަށް ފޮނުވާފައިވާތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި މިހާރު އެ މަސައްކަތް ކުރިޔަށް ގެންދަނީ އޭސީސީގެ އެންގުމާ ހިލާފަށް ނޫން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އޭސީސީގެ ނިންމުމަަކާ ހިލާފެއް ނުވަން، އެއީ ހަގީގަތާ ހިލާފު ވާހަކައެއް، އަޅުގަނޑުމެން ވާނީ އެ ބޭފުޅުން އަންގާފައިވާ ގޮތަށް ކުރިޔަށް ގެންދާ ގޮތުގެ ތަފްސީލު ވެސް އެބޭފުޅުންނަށް ދެއްވާފައި، މީގަ ނޯންނާނެ އެއްވެސް ކަމެއް ވަކި ފަރާތަކަށް އިސްކަން ދީފައެއް ނުވަތަ މަހުރޫމްވާ ގޮތަށް އެއްވެސް ކަމެއްކޮށްފައެއް،" މުއިއްޒު ވިދާޅުވި އެވެ.
މީގެ ކުރިން ހައުސިން މިނިސްޓްރީއިން ނިންމާފައި ވަނީ ގޯއްޗަށް އެދި ހުށަހަޅާ ހުރިހާ ފޯމް ނަމްބަރުތަކެއް ބަލައިގަތުމަށް ފަހު ގުރުއަތުން ނެގައިގެން ލިބޭ ފަރާތްތަކަށް ގޯތި ހަވާލު ކުރުމަށެވެ. ނަމަވެސް މިނިސްޓަރު މިއަދު ވިދާޅުވީ 400 ގޯތި ގުރުއަތުން ނަގާނީ އެކި ބައިބަޔަށް ބަހާލެވިގެން ކަމަށާއި އެގޮތުން އެންމެ ހައްގުވެރި ފަރާތްތަކަށް ގޯތި ލިބޭ ގޮތަށް އިންސާފުވެރިކޮށް އެކަން ކުރިޔަށް ދާނެ ކަމަށެވެ.
"ބަހާލެވިފައި ހުންނާނީ މާލޭ ރައްޔިތުންނަށް ވަކިވަރެ، ގޯތީގެ ސައިޒު އެންމެ ކުދި ގޯތި ހުންނަ ބޭފުޅުންނަށް ވަކި އަދަދަކަށް އިސްކަން ދެވިފައި، ދަފްތަރުގައި ހުރި މީހުންނަށް ވަކި ވަރެއް، އެ މީހުންގެ ތެރެއިން ވެސް ގިނަ ދުވަހު ދަފްތަރުގައި ތިބި މީހުންނަށް ވަކި އަދަދެއް ހާއްސަކޮށް އިންސާފުވެރި ގޮތަކަށް ބަހަލެވިފައި ހުންނާނީ،" މުއިއްޒު ވިދާޅުވި އެވެ.
ގޯތި ބެހުމުގެ މަސައްކަތް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލު ކުރުމަށް ވެސް ހައުސިން މިނިސްޓްރީއިން މިއަދު ވަނީ ނިންމައިފަ އެވެ. މިނިސްޓަރު ވިދާޅުވީ އެޗްޑީސީ އިން ކުރިޔަށް ގެންދާނީ ސަރުކާރުން ކަނޑައަޅާފައިވާ އިޖްތިމާއީ ބޯހިޔަވެރިކަމުގެ މިންގަނޑުގެ ދަށުން ކަމަށާއި އެގޮތުން މިހާރު ދޫކުރަމުންދާ ފޯމްތަކުގައިވާ ޝަރުތުތައް ބަދަލެއް ނުވާނެ ކަމަށެވެ. އަދި މިހަތަނަށް ހުށަހަޅާފައިވާ 5100 ފޯމް ބާތިލެއް ނުވާނެ ކަމަށާއި ފޯމް ދޫކުރުމުގެ މުއްދަތު ވެސް އެޗްޑީސީއިން ކަނޑައަޅާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.