ހުޅުމާލޭ ދެވަނަ ފިޔަވަހިން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްތައް ބާތިލު ނުކޮށް އެ މަސައްކަތް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކޮށްފި އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން 400 ގޯތި ދޫކުރުމަށް ފޯމް ހުށަހެޅުމާއި ބަލައިގަތުމުގެ މަސައްކަތް މިހާާތަނަށް ކުރަމުން އަންނަނީ ހައުސިން މިނިސްޓްރީ އިންނެވެ. ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގައި ޖާގައިގެ ދަތިކަމުންނާއި އެފަދަ އެހެން މައްސަލަތަކާ ހެދި ގޯތި ދޫކުރުމުގެ މަސައްކަތް ހުޅުމާލޭގައި ކުރިޔަށް ގެންދިޔުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގައި ހައުސިން މިނިސްޓްރީ އިން ބަލައިގެންފައިވާ ފޯމްތައް ބާތިލެއް ނުކުރާނެ ކަމަށާއި އެޗްޑީސީ އިން އެ މަސައްކަތް ކުރިޔަށް ގެންދާނީ ބަލައިގަތް ފޯމްތަކާއެކުގައި އަދި ހައުސިން މިނިސްޓްރީ އިން ދޫކޮށްފައިވާ ކިއޫ ނަމްބަރުގެ ތަރުތީބުން ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މީގެ ކުރިން މީހުން ހޮވުމުގެ މަސައްކަތް ކުރިޔަށް ގެންދިޔައީ ހައުސިން މިނިސްޓްރީ، މިހާރު މި ގެނައި ބަދަލަކީ މީހުން ހޮވުމުގެ މަސައްކަތް ވެސް އެޗްޑީސީއިން ގެންދާ ގޮތަށް، ނަމަވެސް މިންގަނޑާއި ޝަރުތުތަކެެއް ބަދަލެއް ނުވާނެ އެ ޝަރުތުތަަކަށް އެޗްޑީސީ އިން ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިޔަށް ދާނީ،" މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ހަފްތާގެ ތެރޭގައި މިހާތަނަށް 5100 ފޯމް ބަލައިގެންފައިވާ ކަމަށާއި އެ ފޯމްތައް އެޗްޑީސީއާ ހަވާލު ކުރާނެ ކަމަށެވެ. އަދި އިތުރަށް ވެސް ކިއޫތައް ހަދާލާފައިވާކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އެޗްޑީސީ އިން ނިންމާފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ވިއްކާ 100 ގޯއްޗާއި އިޖްތިމާއީ ބޯހިޔާވެހިކަމުގެ ދަށުން ދޫކުރާ 400 ގޯތި ވިއްކުމަށެވެ. ހައުސިން މިނިސްޓްރީ އިން ކުރިން ނިންމާފައި ވަނީ ފޯމް ބަލައިގަތުމުގެ މަސައްކަތް މިއަދުގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށެވެ.
ނަމަވެސް ދެން އިތުރަށް އެކަން ކުރިޔަށް ގެންދާނެ ތާރީހަކާއި މުއްދަތެއް އިއުލާން ކުރައްވާނީ އެޗްޑީސީ އިން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެކަމާ ބެހޭ ގޮތުން އެޗްޑީސީ އިން އަދި ވަކި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ގޯތި ދޫކުރުމާއި ބަލައިގަތުމުގެ މަސައްކަތް ހުއްޓާލުމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް އެންގި އެވެ. ނަމަވެސް އުސޫލު ބަދަލު ކުރުމަށް ފަހު އަލުން އެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ވެސް އެ ކޮމިޝަނުން މިނިސްޓްރީއަށް ވަނީ އަންގައިފަ އެވެ.
ހައުސިން މިނިސްޓްރީ އިން ބުނީ ގޯތި ދޫކުރުމުގެ މަސައްކަތް އެ މިނިސްޓްރީ އިން މިހަރު ކުރިޔަށް ގެންދަނީ އުސޫލާއެއް ގޮތަށް ކަމަށެވެ. ނަމަވެސް އެ އުސޫލުގެ މާ ބޮޑު ތަފްސީލެއް މިނިސްޓްރީ އިން ހާމައެއް ނުކުރެ އެވެ.