ހއ. ފިއްލަދޫގެ ބައެއްގެ ގޮތުގައި ދައްޕަރު އަލުން ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމެވި ނަމަވެސް އެކަމުގެ ރަސްމީ ގަރާރު ނެރުން ލަސްވާތީ ފިއްލަދޫ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމުގެ ޒިންމާ އާއި މަސްއޫލިއްޔަތުގެ ދަށުން ދިއްޕަރަކީ ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށެއްގެ ގޮތުގައި ރައީސް ސޯލިހް ނެރުއްވި ގަރާރަކުން ކަނޑައެޅުއްވީ މާޗް 15، 2020 ގައެވެ.
ނަމަވެސް އެ ގަރާރަށް ބަދަލު ގެންނަވާ ފިއްލަދޫ ކައުންސިލްގެ އިހުތިސޯސުން ދައްޕަރު ވަކިކުރެއްވުމަށް ރައީސް ސޯލިހް ވަނީ މިދިޔަ އޮގަސްޓް 29 ވަަނަ ދުވަހު ނިންމަވާ ގަރާރު ނެރުއްވާފަ އެވެ.
ފިއްލަދޫގެ އިހްތިސާސުން ދައްޕަރު ވަކިކުރުމާ ގުޅިގެން ފިއްލަދޫ ކައުންސިލާއި ރައްޔިތުން ގުޅިގެން ވަނީ ދައްޕަރު އަލުން ފިއްލަދޫ ކައުންސިލްގެ އިހްތިސާސްގެ ދަށަށް ގެނައުމަށްޓަކައި "ސޭވޭދައްޕަރު"ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ހިންގާފަ އެވެ.
ކެމްޕޭންގެ ތެރެއިން ދައްޕަރު ރައްޔިތުން ސޮއި ކުރި ޕެޓިޝަނެއް ރައީސް އޮފީހާއި ރައްޔިތުންގެ މަޖިިލީހަށް ވެސް ހުށަހެޅި އެވެ. ފިއްލަދޫ ރައްޔިތުންގެ ކެމްޕޭނާ ގުޅިގެން މިމަހުގެ ހަތަރުވަނަ ދުވަހު ރައީސް ސޯލިހް ވަނީ ފިއްްލަދޫގެ އިހްތިސާސްގެ ތެރޭގައި އަލުން ދައްޕަރު ހިމެނުމަށް ނިންމަވާފަ އެެވެ.
ރައީސް އޮފީހުގެ ފަރާތުން އެކަން ހާމަކުރެއްވީ އެ އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު އެ ދުވަހު ކުރެއްވި ޓްވީޓެއްގަ އެވެ. ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި އަލުން ދައްޕަރު ހިމެނުމަށް ރައީސް ނިންމެވި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމާ ގުޅޭ ގަރާރު ރައީސް ސޯލިހް ނެރުއްވާފައެއް ނުވެ އެވެ. ގަރާރު ނުނެރޭނަމަ ފިއްލަދޫގެ އިހްތިސާސްގެ ތެރެއަށް ދައްޕަރެއް ނުދާނެ އެވެ.
މިކަމާ ގުޅިގެން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ވިދާޅުވީ ގަރާރު ނެރުއްވާ ގެޒެޓް ކުރުން ލަސްވުމަކީ ކައުންސިލުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން ދައްޕަރު އަނބުރާ ލިބޭނެ ގޮތް ހަދައިދެއްވުމަށް ރައީސް ނިންމެވީ. އެކަމަކު އެކަމާ ގުޅޭ ގަރާރު ނެރުން ލަސްވާތީ ރައްޔިތުންގެ ކަންބޮޑުވުން އެބަހުރި. އަދި އަޅުގަނޑުމެން ވެސް ދައްޕަރާ ގުޅުވައިގެން ކުރަންޖެހޭ މަސައްކަތްތަކެއް ހުރުމުން ގަރާރު ނެރުން ލަސްވާތީ ކަންބޮޑުވޭ" ފަތުހުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފިއްލަދޫގެ ލޭންޑް ޔޫޒް ޕްލޭން މުޅިން ނިންމާލެވޭނީ ދައްޕަރު އަލުން ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ހިމަނުއްވާ އެކަމުގެ ގަރާރު ރައީސް ނެރުއްވުމުން ކަމަށެވެ. އެހެން ނޫން ނަމަ ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމުގެ މަސައްކަތްތަކަށް ވެސް ކޮންމެވެސް ވަރެއްގެ ލަސްކަމެއް އަންނާނެ ކަމުގައި ވިދާޅުވި އެވެ. ދައްޕަރު ތަރައްގީކުރުމަށް ކައުންސިލްގެ ޕްލޭނެއް އެބައޮތް ކަމަށާއި ނަމަވެސް އެކަމުގެ މައުލޫމާތު ހާމަކުރެވޭނީ ލޭންޑް ޔޫޒް ޕްލޭން ނިންމާލެވިގެން ކަމަށްވެސް ވިދާޅުވި އެވެ.
ކައުންސިލް ތަކުން ލޭންޑް ޔޫޒް ޕްލޭން އެކުލަވާލައި ނިންމަންޖެހޭނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިންނެވެ.
ފިއްލަދޫ ކައުންސިލްގެ ކަންބޮޑުވުމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ ރައީސްގެ ނިންމެވުން އައީ ހޯމަ ދުވަހު ކަމަށްވެފައި އޭގެފަހުން އަދި ރަސްމީ ދުވަހުގެ ގޮތުގައި ފާއިތުވެގެން ދިޔައީ ދެ ދުވަސް ކަމަށްވާތީ ގަރާރު ނެރުން އަދި ލަސްނުވާ ކަމަށެވެ.
"މާދަމާ އޮފީސްތައް ހުޅުވުމުން ދައްޕަރު މައްސަލާގައި އިތުރު އަޕްޑޭޓެއް އޮތް ނަމަ ހިއްސާކުރާނަން" މަބްރޫކް ވިދާޅުވި އެވެ.