ފިއްލަދޫ

ފިއްލަދޫގައި ހެލްތު ފެސިލިޓީއެއް އަޅާނެ ބަޔަކު ހޯދަނީ

ހއ. ފިއްލަދޫގައި ތަރައްގީކުރާ ޓޫރިސްޓް ވިލެޖަށް އަމާޒުކޮށް ހެލްތު ފެސިލިޓީއެއް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފިއްލަދޫ ކައުންސިލުން ބުނީ އެ ކައުންސިލުން ތަރައްގީކުރާ 2،000 އެނދުގެ ޓޫރިސްޓް ވިލެޖަށް އަމާޒުކޮށް ކައުންސިލުން ދައްކާ ބިމެއްގައި "ހެލްތު ޑޭ ފެސިލިޓީއެއް" ތަރައްގީކޮށް ކައުންސިލާ ހަވާލުކުރާނެ ބަޔަކަށް 40،000 އާއި 50،000 އާ ދެމެދުގެ އަކަފޫޓުގެ ބިމެއް އަކަފޫޓަކަށް މަދުވެގެން މަހަކު 50 ލާރީގެ ރޭޓުން 50 އަހަރަށް ގެސްޓްހައުސް / ހޮޓާ އެޅުމަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިކަމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ބީލަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

މި ފެސިލިޓީގައި މަދުވެގެން ހަތަރު ކޮންސަލްޓޭޝަން ރޫމް ގާއިމުކުރަން ޖެހެ އެވެ. މީގެ އިތުރުން ޑެންޓަލް ރޫމްއަކާއި ލެބޯޓްރީއަކާއި އެކްސްރޭ، ފާމަސީ އަދި ޓްރީޓްމަންޓް ރޫމެއް ގާއިމުކުރަންޖެހެ އެވެ.

ފެސިލިޓީ ހިންގާ ފަރާތަކީ ގާބިލު އަދި މިފަދަ ފެސިލިޓީއެއް ހިންގުމުގެ 15 އަހަރުގެ ތަޖުރިބާ ހުރި ބަޔަކަށް ވާންޖެހެ އެވެ.

މީގެ އިތުރުން ފެސިލިޓީ ހިންގަމުންދާއިރު އަހަރެއްގެ މައްޗަށް މަދުވެގެން 20 މެޑިކަލް ސްޕެޝަލިސްޓް އަދި ސްޕަ ސްޕެޝަލިއަލިޓީ ވިޒިޓް ހަމަޖައްސަންވާނެ ކަމަށްވެސް ފިއްލަދޫ ކައުންސިލުން ބުނެފައިވެ އެވެ.