މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދެ ސްކޫލެއްގައި ޖާގަ އިތުރުކުރަން ބަޔަކާ ހަވާލުކޮށްފި

Aug 11, 2022

ދެ ސްކޫލަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ބަޔަކާ ހަވާލުކޮށްފި އެވެ.

މިފަހަރު މަސައްކަތް ހަވާލުކޮށްފައިވަނީ ހއ. ފިއްލަދޫ ސްކޫލާއި ކ. ގުޅީ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށެވެ.

ފިއްލަދޫގައި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރާއިރު ގުޅީގައި އަޅަނީ ހަ ކްލާސްރޫމާއި ހޯލެކެވެ.

ފިއްލަދޫ ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެއް އަހަރު ދުވަސް ތެރޭގައި ނިންމަންޖެހޭ މި މަސައްކަތުގެ އަގަކީ 13.7 މިލިއަން ރުފިޔާ އެވެ.

ގުޅި ސްކޫލުގެ މަސައްކަތް ހަވާލުކުރީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެއް އަހަރު ދުވަސް ތެރޭގައި ނިންމަންޖެހޭ މި މަސައްކަތުގެ އަގަކީ 16.6 މިލިއަން ރުފިޔާ އެވެ.

މިއީ ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެކެވެ.

ސްކޫލުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށާއި ވަސީލަތްތައް ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ދީގެން ގިނަ ރަށްތަކެއްގެ ސްކޫލުތަކުގައި މަސައްކަތްތައް ކުރިއަށްދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.