ފިއްލަދޫ

ފިއްލަދޫ ސްކޫލް ތަޅު އަޅުވައި، މުޒާހަރާކޮށްފި

ހއ. ފިއްލަދޫ ސްކޫލް ތަޅުއަޅުވައި ބެލެނިވެރިން މުޒާހަރާ ކޮށްފި އެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ވިދާޅުވީ މިއަދު އެ ރަށުގައި މުޒާހަރާ ކޮށްފައިވަނީ ބެލެނިވެރިންތަކެއް ކަމަށާއި އެ މީހުން މުޒާހަރާއެއް ކުރީ ސްކޫލްގައި ޕްރިންސިޕަލަކު ނެތުމުން ކަމަށެވެ. މުޒާހަރާގެ ބައިވެރިން ގޮވާލީ ފިއްލަދޫ ސްކޫލަށް ޕްރިންސިޕަލަކު ހަމަޖެއްސުމަށް ކަމަށް ވެސް ފަތުހުﷲ ވިދާޅުވި އެވެ.

މުޒާހަރާ ކުރި މީހުން މިއަދު ހެނދުނު 7:00 ޖެހި އިރު ސްކޫލް ދޮށަށް ގޮސް މަސައްކަތުގެ މީހުން އެތެރޭގައި ތިއްބާ ގޭޓުގައި ތަޅުއެޅުވި އެވެ. އަދި ކިޔެވުން ފެށުމަށް ދަރިވަރުންނަށާއި ޓީޗަރުން ސްކޫލް އެތެރެއަށް ވަނަ ނުދީ ހިފެހެއްޓި އެވެ.

"ހިޔާލު ފާޅުކުރުމާއި އިހްތިޖާޖް ކުރުމަކީ އެ ފަރާތްތަކަށް ލިބިފައިވާ މިނިވަން ކަމެއްކަން އަޅުގަނޑު ގަބޫލް ކުރަން. އެކަމަކު ސްކޫލެއް ތަޅު އަޅުވައިގެން ކިޔެވުން ހުއްޓުވުމުގެ ހައްގެއް ނޯންނާނެ. މިހާރު ފުލުހުން ލައްވާ ތަޅު ހުޅުވައި ކިޔެވުން ވެސް ފަށާފައި ވަނީ." ފަތުހުﷲ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޕްރިންސިޕަލުން ހޯދަން އެންމެ ފަހުން އިއުލާނުކުރި ރަށްތަކުގެ ތެރޭގައި ފިއްލަދޫ ހިމެނެ އެވެ.