ފިއްލަދޫ

ފިއްލަދޫ ގެއެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

ހއ. ފިއްލަދޫ ހިތަށްފިނިވާގޭގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ވިދާޅުވީ އަލިފާން ރޯވީ ރޭ މެންދަމު 1:10 ހާއިރު ކަމަށެވެ. އަލިފާން ރޯވި ގޭގައި އުމުރުން 65 އަހަރުން މަތީގެ ދެ ބަލިމީހުންނާ ކުޑަކުދިންނާ އެކު ޖުމްލަ ހަތް މީހަކު ދިރިއުޅެ އެވެ.

ފަތުހުﷲ ވިދާޅުވީ އަލިފާން ރޯވި ކަމަށް ބެލެވެނީ ކަރަންޓް ޝޯޓަކުން ކަމަށް ގޭގައި ދިރިއުޅޭ މީހުން ބުނާ ކަމަށެވެ. އަލިފާން ނިއްވާލެވުނީ ރޯވިތާ ދެގަޑިއިރު ފަހުން ކަމަށްވެސް ވިދާޅުވި އެވެ.

"ގޭގައި ނިދާފައި އޮތް މީހަކަށް ހޭލުވުނީ މާހޫނުގަދަވާތީ. އޭނާއަށް އެވަގުތު ފެންނާނީ ގޭތެރެއިން އަލިފާން ކޮންމެވެސް ވަރަކަށް. ފަހުން ރަނގަޅަށް ބަލާލިއިރު މީޓަރުގައި ހުޅުހިފާފައި ހުރީ. ދެން އޭނާ ގޭގައި އުޅޭ އެންމެންނަށް ގޮވާ ގޭބޭރަށް އެމީހުން ނެރުނީ. އިރުކޮޅެއް ތެރޭ ހުޅުފަޅައިގެން ދިޔައި ކަމަށް،" ފަތުހުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ނުލިބޭ ކަމަށެވެ. ނަމަވެސް މުޅި ގެ ބޭނުންނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ހިތަށްފިނިވާގޭގެ މީހުންނަށް މިހާރު ވަގުތީ ހިޔާ ހަމަޖައްސާފައިވާ ކަމަށާއި އެމީހުންނަށް ބޭނުންވާ އެހީތެރިކަން ކައުންސިލާއި ސަރުކާރުގެ ކަމާ ގުޅޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާ ކަމަށްވެސް ފަތުހުﷲ މައުލޫމާތު ދެއްވާފައިވެ އެވެ.

އޭނާ ވިދާޅުވީ އަލިފާން ރޯވި ގެއަށް ލިބުނު ގެއްލުން އެނގޭނީ ގޭގެ ވެރިފަރާތާ ގުޅިގެން މިހާރު އެއްކުރަމުންދާ މައުލޫމާތުތައް ލިބުމުން ކަމަށެވެ. ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓާއި ފުލުހުންނާ ގުޅިގެން ކައުންސިލުން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

"ހަގީގަތުގައި ގޭގައި ހުރި ހުރިހާ އެއްޗެއް ވަނީ ހަލާކުވެފައި. އެ މީހުންގެ އަމިއްލަ މައުލޫމާތު ހިމެނޭ އައިޑީ ކާޑާއި ކޭޝް ކާޑާއި ވެކްސިން ކާޑާއި ސުކޫލުގެ ލިޔުންތައް ވެސް ވަނީ ގާތްގަނޑަކަށް ހަލާކުވެފައި،" އޭނާ ވިދާޅުވި އެވެ.

ހިތަށްފިނިވާގޭގެ މީހުންނަށް އެހީވުމަށް ހާއްސަ ފަންޑެއް ހުޅުވާފައިވާތީ ހާލުގައި ޖެހުނު މީހުންނަށް އެންމެން ގުޅިގެން އެހީވުމަށްވެސް ފިއްލަދޫ ކައުންސިލުން ވަނީ އެދިފަ އެވެ.