އަހުމަދު މަހްލޫފު

މަހްލޫފްގެ ފުރަތަމަ އަމާޒު: ޓިކެޓް ފަސޭހަކުރުން

Oct 10, 2021

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި ހަތަރު މަސް ދުވަހު ސަސްޕެންޑް ކޮށްފައި ބެހެއްޓުމަށްފަހު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެނބުރި މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެންގެވީ އިއްޔެގެ ވަގުތެއްގަ އެވެ.

ސަސްޕެންޝަން އުވާލުމާއި އެކު މަހްލޫފް މިއަދު ވަނީ އޮފީހަށް ވަޑައިގެން ރަސްމީ މަސައްކަތްތައް ފައްޓަވާފަ އެވެ.

މަހްލޫފް މިއަދު އޮފީހަށް ވަޑައިގަތުމުން އެ އޮފީހުގެ މުވައްޒަފުން ވަނީ ރަތް ކުލައިގެ ޖާޒީއާއި އެކު މިނިސްޓަރު ވަރަށް ހޫނު މަރުހަބާއެެއް ވެސް ކިޔާފަ އެވެ.

އޮފީހުގައި ހުންނަވައިގެން ސޯޝަލް މީޑިއާ އަށް ދޫކޮށްލެއްވި ފުރަތަމަ މެސެޖުގައިވާ ގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ބެލެވެނީ މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ އިންތިޒާމުތަކުގައި ހުރި މައްސަލަތައް ރަނގަޅު ކުރުމަށް ކަމަށެވެ.

މުބާރާތުގައި ރާއްޖެއާއި ލަންކާ މިއަދު ބައްދަލުކުރާއިރު މެޗު ބެލުމަށް ގަލޮޅު ދަނޑަށް ވަނުމަށް ޓިކެޓް ނުލިބިގެން އިއްޔެ ދިވެހި ސަޕޯޓަރުން ވަނީ ގަލޮޅު ދަނޑާއި މަޖީދީ މަގުގައި އެތައް އިރަކު މުޒާހަރާކޮށްފަ އެވެ. ދިވެހި ސަޕޯޓަރުން ތުހުމަތުކުރާ ގޮތުގައި އެފްއޭއެމުން ވަނީ ޓިކެޓް ވިއްކުމުގައި އޮޅުވާލާފަ އެވެ. ފަހުން އެނގުނު ގޮތުގައި ދިވެހި ސަޕޯޓަރުން އިހްތިޖާޖު ކުރުމާ ހަމައަށް ދިވެހި އާންމު ސަޕޯޓަރުންނަށް ވިއްކަން އެފްއޭއެމުން ކަނޑައަޅާފައިވަނީ 2،300 ވަރަކަށް ޓިކެޓެވެ. ލަންކާގެ ސަޕޯޓަރުންނަށް 200 ވަރަކަށް ޓިކެޓް ވިއްކުމަށްފަހު ބާކީ 2،500 ޓިކެޓް އެފްއޭމުން ހާއްސަކޮށްފައި ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންގެ އާއިލާ އަށާއި، ސްޕޮންސަރުންނާއި، ދިވެހި ޓީމުތަކަށެވެ. އެކަމަކު ދިވެހި ސަޕޯޓަރުން ގޮތް ދޫނުކޮށް ކުރި މުޒާހަރާގެ ސަބަބުން ފަހުން މަޖުބޫރު ވެގެން އެފްއޭއެމުން ވަނީ ހާއްސަކޮށްފައި ހުރި ޓިކެޓް ތަކުގެ ތެރެއިން 1،000 ޓިކެޓް އާންމު ސަޕޯޓަރުންނަށް ރޭގެ ވަގުތެއްގައި ވިއްކާލާފަ އެވެ.

ޓިކެޓް ގަތުމަށް ދިވެހި ސަޕޯޓަރުން އުޅުނު ގޮތް ސިފަކުރައްވަމުން ޔޫތު މިނިސްޓަރު މަހްލޫފް އިއްޔެ ވިދާޅުވީ އެއީ "ފުޓްބޯޅަ ފޯރި" ކަމަށެވެ. ނަމަވެސް މިއަދު އޮފީހަށް ވަޑައިގެން މިނިސްޓަރު ވަނީ ޓިކެޓް ގަތުމަށް ސަޕޯޓަރުންނަށް ދިމާވި ދަތިތައް ގަބޫލުކުރައްވާ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންފަ އެވެ.

"އިއްޔެ ސަޕޯޓަރުންނަށް ދިމާވި ދަތިއުނދަގުލަށް މައާފަށް އެދެން،" މަހްލޫފް ވިދާޅުވި އެވެ.

އެހެންވެ މިނިސްޓަރު މަސައްކަތަށް ވަޑައިގެން އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ސާފް ޗެމްޕިއަންޝިޕްގެ ޓިކެޓް ސަޕޯޓަރުންނަށް ލިބޭނެ ގޮތް ހަރުދަނާ ކުރުމަށެވެ. އެފްއޭއެމްއާ ވާހަކަދައްކައިގެން އެކަމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

‏"އެފްއޭއެމް އާއި ވާހަކަ ދައްކައިގެން ވީހާވެސް ގިނަ ބަޔަކަށް، މިހާރަށްވުރެ ފަސޭހަކޮށް ޓިކެޓު ލިބޭނެ ގޮތް ކުރިއަށް ހުރި މެޗުތަކަށް އިރާދަކުރެއްވިއްޔާ ރާވަ ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.