ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ވާދަވެރި ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ކުވައިތު އަދި އިންޑިއާ މިއަދު ބައްދަލުކުރާނެ އެވެ.
ކުވައިތް ފައިނަލަށް ދިޔައީ މިމުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ބަންގްލަދޭޝް އާއި ވާދަކޮށް 1-0 އިން މޮޅުވެގެންނެވެ.
ފައިނަލްގެ އަނެއް ޖާގަ އިންޑިއާ އިން ހޯދީ ލެބަނަން އާއި ވާދަކޮށް 90 މިނެޓްގައި ކުޅެ އެއްވަރުވެ އަދި އިތުރު ވަގުތު ކުޅެގެންވެސް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 4-2 އިން މޮޅުވެގެންނެވެ.
ކުވައިތާއި ބަންގްލަދޭޝް ކުޅުނު މެޗް ވެސް 90 މިނެޓް ނިމި އެއްވަރުވުމުން އިތުރު ވަގުތަށް ދާން ޖެހުނެވެ. ނަމަވެސް އިތުރު ވަގުތުގެ ފުރަތަމަ ހާފް ވެސް ނިމި ގެއްލުނު ވަގުތަށް ދިން އިތުރު ވަގުތު ކޮޅުގެ ދެވަނަ މިނެޓްގައި ކުވައިތުން ވަނީ ލަނޑު ޖަހާފަ އެވެ. އަދި ބަންގްލަދޭޝް އިން މި މުބާރާތުގެ ފައިނަލަށް ދެކެމުން އައި ހުވަފެން އެ ހިސާބުން ވަނީ ނިމުމަކަށް އައިސްފަ އެވެ. އިތުރު ވަގުތުގެ ކުޅުން ނިމިގެން ދިޔައީ 1-0 ގައި އޮވެ ކުވައިތު މޮޅުވެގެންނެވެ.
ލެބަނަން އަދި އިންޑިއާ ކުޅުނު މެޗްގައި ލެބަނަން އިން މެޗް ފަށައިގެން މޮޅަށް ކުޅުނު ނަމަވެސް އެވަގުތު ލެބަނަން އަށް ގޯލެއް ކާމިޔާބު ނުކުރެވުމުން އެ ޓީމު ޕްރެޝަރަށް ވެއްޓުނު ވަގުތުގައި އިންޑިއާ އިން ކުޅުމުގެ ތެރެއަށް ވަދެ ކުޅުން ރަނގަޅު ކުރި އެވެ. އަދި ދެ ޓީމަށްވެސް ގޯލް ޖަހާނެ ދާދި ހަމަހަމަ ފުރުސަތުތަކެއް ލިބި ވަނީ ބޭނުން ނުކުރެވިފަ އެވެ. މެޗްގެ އިތުރު ވަގުތުގައިވެސް ކުޅެ އެއްވަރުވުމުން ޕެނަލްޓީ ވަނީ ޖަހާފަ އެވެ.
މި މެޗްގައި ޕެނަލްޓީ ޖަހާނެކަން ޔަގީންވީ ހިސާބުން ލެބަނަން އިން ވަނީ މެޗްގައި އެ ޓީމުގެ ގޯލް ބެލެހެއްޓި ކީޕަރުގެ ބަދަލުގައި ދެން ހުރި ކީޕަރު ކުޅެން އަރުވާފަ އެވެ. މި މެޗް ތެރޭގައި ކުޅުނު ލެބަނަންގެ ކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ޕެނަލްޓީގައި އިންޑިއާ ކީޕަރު ވަނީ ލެބަނަންގެ ކެޕްޓަން ޖެހި ފުރަތަމަ ޕެނަލްޓީވެސް ދިފާއުކޮށްފަ އެވެ. އިންޑިއާ އިން ޖެހި ހުރިހާ ޕެނަލްޓީ އެއްވެސް ދާދި ފަސޭހަ ކަމާއެކު ލެބަނަންގެ ބަދަލު ކީޕަރުގެ ގޯލަށް ވަނީ ވައްދާލާފަ އެވެ.
މި މުބާރަތުގައި ކުވައިތު އަދި ލެބަނަން ވާދަކޮށްފައިވަނީ ސާފް ޗެމްޕިއަންޝިޕް އިންތިޒާމު ކުރާ ފަރާތުން ދީފައިވާ ހާއްސަ ދައުވަތެއްގެ ދަށުންނެވެ. މި މުބާރާތުގައި މި ފަހަރު ސަރަހައްދުން ބައިވެރިވެފައި ނުވަނީ އަފްއާނިސްތާން އަދި ސްރީލަންކާ އެވެ. ރާއްޖެ މި މުބާރާތުން ކަޓައިގެން ދިޔައީ ގްރޫޕް ސްޓޭޖުގައި މުބާރާތުގެ ތާރީހުގައިވެސް މުޅިން އަލަށެވެ.
މި މުބާރާތުގައި ކުވައިތު އަދި އިންޑިއާ ކުޅޭ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދުގެ އިރާކޮޅު މާލޭ ގަޑިން 6:30 ގައެވެ.