ސުނިލް ޗެތުރީ

ރޮނާލްޑޯ އާއި މެސީގެ ފަހަތުން ޗެތުރީދުނިޔޭގައި ހަ ވަނައަށް އެންމެ ގިނަ އިންޓަނޭޝަނަލް ގޯލު ޖެހި ކުޅުންތެރިއަކަށް އިންޑިއާ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ވެއްޖެ އެވެ.

އުމުރުން 37 އަހަރުގެ ޗެތުރީ ދުނިޔޭގެ ހަވަނައަށް އެންމެ ގިނަ އިންޓަނޭޝަނަލް ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ރާއްޖެ ކޮޅަށް ޖެހި ދެގޯލާއި އެކުގަ އެވެ. ރޭގެ މެޗަށް ނުކުތް އިރު އޭނާ ވަނީ 77 އިންޓަނޭޝަނަލް ގޯލު ޖަހާފަ އެވެ. އޭރު ޗެތުރީ އޮތީ ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑާއި އެއް ހަމައެއްގައި 10 ވަނައިގަ އެވެ.

މިހާރު ފުޓްބޯޅަ ކުޅޭ ކުޅުންތެރިންގެ ތެރެއިން ތިން ވަނައަށް އެންމެ ގިނަ އިންޓަނޭޝަނަލް ގޯލު ޖަހާފައި ވަނީ ޗެތުރީ އެވެ. ލިސްޓުގެ އެންމެ ކުރީގައި 115 ގޯލާއި އެކު ކްރިސްޓިއާނޯ ރޮނާލްޑޯ އޮތް އިރު، ލައިނަލް މެސީ ދެވަނައިގައި އޮތީ 80 ގޯލު ޖަހައިގެންނެވެ.

ދެހާސް ފަސް ވަނަ އަހަރު ގައުމީ ޓީމަށް ކުޅެން ފެށި ޗެތުރީ ވަނީ މިހާތަނަށް ގައުމީ ޓީމަށް 79 ގޯލު ޖަހައިދީފަ އެވެ. ޗެތުރީ ވަނީ އިންޑިއާގެ ގައުމީ ޓީމަށް 124 މެޗު ކުޅެދީފަ އެވެ. ކުޅުނު މެޗު ތަކަށް ބަލާނަމަ އޭނާގެ ގޯލު ސްކޯރިން ރޭޓަކީ 0.63 އެވެ. ޗެތުރީ އަކީ ދެކުނު އޭޝިއާ ބައްރުގައި ފާހަގަ ކުރެވޭ އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ.

އިންޓަނޭޝަނަލް ފުޓްބޯޅައިގެ އިތުރުން ކްލަބް ފުޓްބޯޅައިގައި ޗެތުރީ ވަނީ 149 ގޯލު ޖަހާފަ އެވެ. މިއާއި އެކު އޭނާގެ ޕްރޮފެޝަނަލް ފުޓްބޯޅައިގައި ޖެހި ގޯލުގެ އަދަދު ވަނީ 228 އަށް އަރާފަ އެވެ.

އިންޑިއާގެ މޯހަން ބަގާން އިން 2002 ވަނަ އަހަރު ފުޓްބޯޅައިގެ ޕްރޮފެޝަނަލް ކެރިއަރު ފެށި ޗެތުރީ ވަނީ 2010 ވަނަ އަހަރު އެމެރިކާގެ މޭޖާ ލީގު ސޮކާގެ ސްޕޯޓީން ކޭސީއަށް ވެސް ކުޅެފަ އެވެ. ލިބުނު ތަޖުރިބާ އާއި އެކު އެނބުރި އިންޑިއާއަށް ގޮސް އިންޑިއާގެ އައި ލީގުގައި ޗެތުރީ ކުޅުނެވެ. އޭގެ ފަހުން ޕޯޗުގަލްގެ ސްޕޯޓިން ކްލަބް ގެ ރިޒާވް ޓީމަށް އޭނަ ކުޅުނެވެ.

ޗެތުރީ ވަނީ 2007، 2009 އަދި 2012 ވަނަ އަހަރު އިންޑިއާއަށް ނެހްރޫ ކަޕް ކާމިޔާބު ކޮށްދިނުމުގައި އިސް ދައުރެއް އަދާ ކުރުމުގެ އިތުރުން 2011 ވަނަ އަހަރު އިންޑިއާއަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްދީފަ އެވެ. އަދި 2008 ވަނަ އަހަރު އޭއެފްސީ ޗެލެންޖު ކަޕް ކާމިޔާބުކޮށް އޭއެފްސީ އޭޝިއަން ކަމަޕަށް ކޮލިފައި ވުމުގައި ވެސް ސުނިލް ޗެތުރީ ވަނީ ވިދާލާފަ އެވެ. އެއީ ފާއިތުވި 27 އަހަރުގެ ތެރޭގައި އިންޑިއާއިން އޭއެފްސީ އޭޝިއަން ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.

އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނުން ކޮންމެ އަހަރަކު ވެސް ހޮވާ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ގިނަ ފަހަރު ހޯދާފައި ވަނީ ޗެތުރީ އެވެ. އޭނާ ވަނީ 2007، 2011، 2013، 2014، 2017، އަދި 2018-19 ވަނަ އަހަރު އެ މަގާމު ހޯދާފަ އެވެ.