ސާފް ޗެމްޕިއަންޝިޕް

ސާފް ޗެމްޕިއަންޝިޕް އިންޑިއާ އިން ކާމިޔާބުކޮށްފި

ދެކުނު އެޝިއާ ސަރަހައްދުގައި ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް އިންޑިއާ އިން ކާމިޔާބު ކޮށްފި އެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވަ ސްޓޭޑިއަމްގައި މިރޭ ކުޅެވުނު ފޯރިގަދަ ފައިނަލް މެޗްގައި އިންޑިއާ އާއި ދެކޮޅަށް ކުޅުނީ ކުވައިތު އެވެ. އިންޑިއާ އިން މެޗު ކާމިޔާބް ކޮށްފައިވަނީ 1-1 އިން މެޗް އެއްވަރުވެ އިތުރު ވަގުތު ކުޅެގެންވެސް އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 5-4 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ.

މިރޭގެ މެޗް ފަށައިގެން މޮޅަށް ކުޅެމުން ގޮސްފައިވަނީ ކުވައިތުންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓް ތެރޭގައި ކުވައިތުގެ 10 ނަމްބަރު ފޯވަޑް -- ޝަބީބް އަލް ޚަލްދީ ވަނީ ވަރަށް ހަމަޖެހިލައިގެން އިންޑިއާގެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލާ ނަތީޖާ ކުވައިތު ކޮޅަށް އަނބުރާލާފަ އެވެ.

ކުވައިތު ލަނޑު ޖެހުމާއެކު އިންޑިއާ އިން އިތުރަށް މަސައްކަތްކޮށް 1-1 މެޗު އެއްވަރުކުރީ މެޗުގެ 38 ވަނަ މިނެޓު ގައެވެ. މި މެޗު 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިންޑިއާގެ ފޯވާޑް ލަލިއަންޒުއާލާ އެވެ. އިންޑިއާ އަށް މި ގޯލް ޖެހުނީ ކުވައިތުގެ ޑިފެންސުން ފަރުވާ ކުޑަކޮށްލުމުންނެވެ.

ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ފިޒިކަލީ ގޮތުން ވަރުގަދަ ކުޅުމެކެވެ. ނަތީޖާ އެއްގެ ގޮތުން މެޗް ހޫނުވެ ރެފްރީއަށް މެޗްގެ ކޮންޓްރޯލް ގެއްލިގެންދިޔަ ތަން ފެނުނެވެ. އެގޮތުން ފުރަތަމަ ހާފްގައި ކެވައިތުގެ ތިން ކުޅުންތެރިއަކަށާއި އިންޑިއާގެ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކި ތަން ފެނިގެންދިޔަ އެވެ.

ދެވަނަ ހާފް ފަށައިގެންވެސް މޮޅަށް ކުޅެފައިވަނީ ކުވައިތުންނެވެ. ނަމަވެސް ދޭތެރެދޭތެރެއިން އިންޑިއާ އަށްވެސް މަދު ހުސް ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މި ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ކުޅުންތެރިންގެ މެޗް ފިޓްނަސް ދަށްވެ ޚާއްސަކޮށް ކުވައިތުގެ ކުޅުން ލަސްވެގެންދިޔަ މަންޒަރު ފެނުނެވެ. އަދި ފުރަތަމަ ހާފެކޭ އެއްގޮތަށް ގިނަ ފައުލްތަކެއް ފެނި މި ހާފް ގައިވެސް ހަތަރު ރީނދޫ ކާޑް ފެނިގެންދިޔަ އެވެ. މެޗްގެ 90 މިނެޓް ކުޅެ އެއްވަރުވުމުން ވަނީ އިތުރު ވަގުތުގެ 30 މިނެޓްގެ ދެ ހާފް ކުޅެފަ އެވެ. އިތުރު ވަގުތުގެ ކުޅުމުގައިވެސް ދެ ރީނދޫ ކާޑު ވަނީ ދައްކާފަ އެވެ.

އިތުރު ވަގުތު ނިމިގެން ފުރަތަމަ ޕެނަލްޓީ ޖެހީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީ އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައި ވަނީ ކިރިޔަކިރިޔާ އެވެ. ކުވައިތުން ޖެހި ފުރަތަމަ ޕެނަލްޓީ ދަނޑީގައި ޖެހިފައި ދިއައީ ބޭރަށެވެ. އިންޑިއާގެ ފޯވަޑް އުޑަންތާ ހަތަރު ވަނައަށް ޖެހި ޕެންލްޓީ ފިޔަވައި ހުރިހާ ޕެނަލްޓީއެއް އިންޑިއާ އިން ކާމިޔާބު ކުރި އެވެ. އިންޑިއާ އިން މުބާރާތުގެ ތަށި ހޯދީ ކުވައިތުގެ ހަވަނަ ޕެންލްޓީ ނާކާމިޔާބުވުމުން އިންޑިއާ އިން ހަވަނައަށް ޖެހި ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ސްރީ ލަންކާ އަދި އަފްއާނިސްތާން ކުޅެފައެއް ނުވެ އެވެ. ކުވައިތުގެ އިތުރުން ޚާއްސަ ދައުވަތު ދެވުނު އަނެއް ގައުމު ލެބަނަން ވަނީ ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހަގައިން އިންޑިއާ އަތުން ބަލިވެ މުބާރާތުން ކަޓާފަ އެވެ.

ދިވެހިރާއްޖެ ވަނީ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބާ ކުރިމަތިވެ މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރަތަމަ ފަހަރަށް ކަޓައިގެން ގޮސްފަ އެވެ. ރާއްޖެ ވަނީ ސަރަހައްދުގެ މި މުބާރާތް ދެފަހަރު 2008 އަދި 2018 ގައި ކާމިޔާބުކޮށް އެންމެ ވަރުގަދަ ޓީމުތަކުގެ ތެރޭގައި ހިމެނިފަ އެވެ.