ސަރަހައްދުގެ ބޮޑު ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލް މެޗްތައް މިއަދު ފެށިގެންދާނެ އެވެ.
އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗްތައް ނިމުނީ މިދިޔަ މަހުގެ 28 ގައެވެ.
ގްރޫޕް ސްޓޭޖް މެޗްތައް ނިމުނުއިރު ގްރޫޕް އޭ އިން އެއްވަނައިގައި ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ކުވައިތް އާއި އަދި އެ ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި އިންޑިއާ އެވެ.
ދިވެހިރާއްޖެ ހިމެނުނު ގްރޫޕް ބީ އިން އެއްވަނަ ހޯދައި ސެމީ އަށް ދިޔައީ ލެބަނަން އެވެ. އަދި މި ގްރޫޕްގެ ދެވަނަ ހޯދައިގެން ބަންގްލަދޭޝް ވެސް ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފަ އެވެ.
މިއަދުގެ ފުރަތަމަ ސެމީ ފައިނަލް މެޗްގައި ބައްދަލު ކުރާނީ ގްރޫޕް އޭ ގެ އެއްވަނަ ކުވައިތް އާއި ގްރޫޕް ބީ ގެ ދެވަނަ ބަންގްލަދޭޝް އެވެ. މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު މާލޭ ގަޑިން މެންދުރު ފަހުން 2:30 ގައެވެ.
ސެމީގެ ދެވަނަ މެޗްގައި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ގްރޫޕް ބީ ގެ އެއްވަނަ ލެބަނަން އާއި ގްރޫޕް އޭ ގެ ދެވަނަ އަދި މުބާރާތް ބާއްވާ އިންޑިއާ އެވެ. މި މެޗް ކުޅެވޭނީ މިރޭ ރާއްޖެ ގަޑިން 7:00 ޖަހާއިރު އެވެ.
މި މުބާރާތުގައި ފުރަތަމަ ފަހަރަށް ރާއްޖެ ގްރޫޕް ސްޓޭޖުން ކަޓައި ޓީމު ވަނީ މި މުބާރާތަށް އަލްވަދާއު ކިޔާފަ އެވެ. މިއީ ރާއްޖެއަށް މި މުބާރާތުގައި ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބެވެ.
މީގެ ކުރިން ރާއްޖެ އަކީ މި މބާރާތުގައި އެންމެ ކާމިޔާބު އެއް ޓީމެވެ. ރާއްޖެ ވަނީ މި މުބާރާތުގެ ތަށި ދެ ފަހަރަށް ހޯދައި ރާއްޖެ ބައިވެރިވި ހުރިހާ ފަހަރަކު ސެމީ ފައިނަލަށް ދަތުރުކޮށް ގިނަ ފައިނަލްތަކެއް ކުޅެފަ އެވެ.
ސާފްގެ ތާރީހުގައި މުޅިން އަލަށް ސަރަހައްދުން ނޫން އެހެން ސަރަހައްދަކުން ޓީމުތައް ބައިވެރިކުރި މިއީ ފުރަތަމަ ފަހަރެވެ.