ހުޅުމާލެ

ޓްރީޓޮޕް ހޮސްޕިޓަލްގެ މަސައްކަތްތައް ފަށައިފި

ޓޫރިޒަމްގައި ވިޔަފާރީގައި މަޝްހޫރު ޗަމްޕާ އާއިލާގެ ބޮޑު ހިއްސާއެއް ވެގެން ހުޅުމާލޭގައި ހަދާ ޓްރީޓޮޕް ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ފަށައިފި އެވެ.

އެ ކުންފުނިން ބުނީ އެ މަސައްކަތްތައް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ފަށައިގެން ކުރިއަށްދާ ކަމަށެވެ. އަދި މިހާތަނަށް އައި އިރު، ހޮސްޕިޓަލް އިމާރާތް ކުރާ، ތިން ހެކްޓަރުގެ ސަރަހައްދުގައި އިމާރާތުގެ ފައުންޑޭޝަންގެ އަޅައި ނިމި، ފުރަތަމަ ފްލޯގެ ފައުންޑޭޝަން އެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މިހާރު މަސައްކަތްތައް ދާގޮތަށް ބަލާ އިރު އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމުމަށް ވަނީ އަމާޒުކޮށްފަ އެވެ. އަދި ހުޅުވަން ހަމަޖެހިފައި ވަނީ 2017 ވަނަ އަހަރުގެ އެޕްރީލް ހިސާބުގައި ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަނީ ތުރުކީގެ، ތާމަކްސް ކުންފުނިންނެވެ. އެ ހޮސްޕިޓަލް ހަދަނީ ދުރުން ފަރުވާ ހޯދަން އަންނަ ފަރާތްތަކަށް ތިބެވޭނެ ސިޓީ ހޮޓަލަކާއި އެމަޖެންސީ ޕަވަ ހައުސްއަކާ ވެސް އެކު އެވެ. 

އެ ހޮސްޕިޓަލް އިމާރާތްކޮށް ނިމޭ އިރު، އެއީ ރާއްޖޭގައި ހުރި އެންމެ ބޮޑު އަދި ޒަމާނީ ހޮސްޕިޓަލަށް ވާނެ އެވެ. އެ ހޮސްޕިޓަލަކީ 250 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ. އަދި އެތަނުގެ އެންމެ ފަހުގެ އައިސީޔޫގެ ހިދުމަތާއި ޒަމާނީ ޓެސްޓްތަކާއި އޮޕަރޭޝަންތައް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މަޝްރޫއަށް ގާތްގަނޑަކަށް 350 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ޓްރީޓޮޕް އިން ލަފާކޮށްފައިވެ އެވެ.

އެ ހޮސްޕިޓަލް މެނޭޖް ކުރުމަށް ހަވާލުކޮށްފައި ވަނީ، ސިއްހީ ހިދުމަތްތައް ދިނުމުގައި މަޝްހޫރު އޮސްޓްރޭލިޔާގެ ރަމްސޭ ހެލްތް ކެއާ ސާވިސްއާ އެވެ. އެ ކުންފުންޏަކީ މިހާރު ވެސް މެލޭޝިޔާ ޔޫރަޕް އަދި އޭޝިޔާގެ ބައެއް ހޮސްޕިޓަލްތައް މެނޭޖް ކުރަމުން އަންނަ ކުންފުންޏެކެވެ.