ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފްލައިން ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ޑިސެމްބަރުގައި ފަށަނީ

Oct 10, 2021
1

އައްޑޫގައި ގާއިމުކޮށްފައިވާ އޭޝިއަން އެކެޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނަށް ދިމާވެފައިވާ ގިނަ ދުވަސްވީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމާއި ގުޅޭގޮތުން ބޭއްވި ބައްދަލުކުރެއްވުމުގައި، ކިޔެވުން ހުއްޓިފައިވާ ދަރިވަރުންނަށް އަންނަ ޑިސެންބަރު މަހުގެ ތެރޭގައި އަލުން ކޯސް ކުރިއަށް ގެންދެވޭނެ މަގު ސަރުކާރުން ފަހިކޮށްދެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު މިކަމާ ގުޅޭގޮތުން އޭއޭއޭ ގައި ޕައިލެޓްކަން ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދަރިވަރުން ވަނީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ރައީސަށް ހުށަހެޅުއްވި ސިޓީއަށް އަވަސް އިޖާބައެއް ދެއްވީތީ ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދަރިވަރުން ފާހަގަކުރި ގޮތުގައި އެދަރިވަރުންނަށް ދިމާވެފައިވާ ކަންކަމަށް ހައްލު ހޯދުމަށް ހުރިހާ އިދާރާއަކަށް ދިޔަ ކަމަށާއި، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްފައިވީ ނަމަވެސް މިހާތަނަށް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަ ކަމަށެވެ.

މި ބައްދަލުވުމުގައި ދަރިވަރުން ވަނީ ސްކޫލްގެ ކިޔެވުން ހުއްޓިފައިވާތާ އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، ރީފަންޑް ނުލިބުމާއި، އަލުން ކިޔެވުން ފެށޭނެ ދުވަހެއް ނޭނގުމުގެ ސަބަބުން އެ ދަރިވަރުންނަށް ދިމާވަމުންދާ މާލީ، ނަފްސާނީ އަދި ވަގުތުގެ ގޮތުން ދިމާވާ ދަތިތައް ރައީސްއާ ހިއްސާކުރައްވާފައެވެ.

ރައީސް ސޯލިހް ވިދާޅުވީ މައްސަލަ ހައްލެއް ހޯދުމުގެ ގޮތުން އައިލެންޑް އޭވިއޭޝަނާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. ކުންފުނީގެ ދަށުން ރާއްޖޭގައި ހިންގާ ފަލައިން ސްކޫލް ހިންގާނީ ޕްރޮފެޝަނަލް ޔޫރަޕިއަން ފްލައިން ސްކޫލަކުން ކަމުގައިވެސް ވިދާޅުވި އެވެ.

ފްލައިން ސްކޫލްގައި ކިޔަވައިދިނުމަށް ބޭނުންވާ ކަންކަން ފުރިހަމަކޮށް ޑިސެމްބަރު މަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ދަރިވަރުންނަށް ދިމާވެފައިވާ މާލީ ދަތިތައް ހައްލުކޮށްދިނުމަށް ޓޮޕްއަޕް ލޯން ތަކެއް ދިނުމާއި، މިކަމުގައި އިތުރަށް ކުރެވެން ހުރި ކަންތައްތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ކަން ދެއްވި އެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ މި ކޯސް ހަދާ ދަރިވަރުންނަށް ލުޔެއް ދިނުމުގެ ގޮތުން ދަރިވަރުން އަނބުރާ ލޯނު ދައްކަން ޖެހޭނީ ކޯސް ނިމޭ ތާރީޚުން ފެށިގެން ހަމަސް ދުވަސް ފަހުން ކަމުގައި ކަނޑައަޅައި، މި ކޯސް ފުރިހަމަ ކުރުމަށް ބައެއް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ނަގާފައިވާ "ކިޔަވާ" ލޯންތައް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

މި ބައްދަލުވުވުމުގައި މިނިސްޓާ އޮފް ފިނޭންސް އިބްރާހީމް އަމީރާއި، މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، އައިލެންޑް އޭވިއޭޝަންގެ ބޭފުޅުން އަދި ސިވިލް އޭވިއޭޝަންގެ ބައިވެރިވެވަޑައިގެންނެވި އެވެ.