އައްޑޫ ސިޓީ

ފެންބޮޑުވެ، އައްޑުއަށް ލިބުނު ގެއްލުން ހަތަރު މިލިއަން ރުފިޔާއަށް ވުރެ ބޮޑު: ހައުސިން

އައްޑޫއަށް ރިކޯޑު އަދަދަކަށް ވާރޭވެހި ލިބުނު ގެއްލުންތަކުގެ އަގު ހަތަރު މިލިއަން ރުފިޔާއަށް ވުރެ ބޮޑުކަމަށް ސަރުކާރުގެ ފަރާތުން އެ ރަށަށް ވަޑައިގެން ވަފުދުގައި ހިމެނިވަޑައިގަންނަވާ، ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ހާއްސަ މަންދޫބު މިނިސްޓަރު ޖިހާދާ އެކު އެ ރަށަށް ޒިޔާދު ކުރެއްވި ދަތުރުފުޅަށް ފަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 400 ގެޔަކަށް ފެން ވަދެ ގެއްލުން ވެފައިވާ ކަމަށެވެ. އޭގެތެރެއިން ގާތްގަނޑަކަށް 50 ގެޔަކަށް ބޮޑެތި ގެއްލުން ލިބިފައިވާ ކަމަށް ޒިޔާދު ވިދާޅުވެފައިވެ އެވެ.

"ބޮޑަށް ފެނުގެ ސަބަބުން ގެއްލުން ލިބިފައި ހުރީ ގެތަކުގެ ފަރުނީޗަރަށް. މަރަދޫ އިން 133 އެނދާއި 130 އަލަމާރި ހަލާކުވެފައި ހުރި. އެގޮތުން ލިބިފައި ހުރި ގެއްލުމުގެ އަދަދު ހަތަރު މިލިއަނަށް ވުރެއް މައްޗަށް އަރާނެ ކަމަށް ލަފާކުރެވޭ،" ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ ގޮތުގައި އައްޑޫގެ އަވަށްތަކުގައި ފެން ހިންދުމުގެ ނިޒާމެއް ގާއިމް ކުރަން ވަރަށް ބޮޑަށް ބޭނުންވެފައި އެވެ. އެހެން ކަމުން އެމަސައްކަތް ކުރުމަށް ހަދަން ޖެހޭ ސާވޭތަށް ހެދުމަށާއި އެކަމަށް އަރާނެ ހަރަދުތަށް ބަލަމުންދާ ކަމަށް ވެސް ޒިޔާދު ވިދާޅުވި އެވެ.

މިދިޔަމަހު ފަހު ކޮޅުގައި އައްޑޫއަށް ވެހުނު ވާރެއަކީ ރާއްޖޭގެ ތާރީހުގައި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭވެހުނު ފަހަރު ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ.