ހަބަރު

އައްޑޫ، ފުވައްމުލައް، އަދި ތިނަދޫ ފްލެޓްތައް ބަލަހައްޓާނެ ބަޔަކު ހޯދަނީ

އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ، އަދި ގދ. ތިނަދޫގެ ފްލެޓްތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ވަނީ އައްޑޫ ސިޓީ ހިތަދޫގައި ގާއިމު ކޮށްފައިވާ 264 ހައުސިން ޔުނިޓާއި، އެ ސިޓީގެ ހުޅުމީދޫގައި ގާއިމުކޮށްފައިވާ 48 ހައުސިން ޔުނިޓާއި، ފުވައްމުލައް ސިޓީގައި ގާއިމު ކޮށްފައިވާ 200 ހައުސިން ޔުނިޓްގެ އިތުރުން ގދ. ތިނަދޫގައި ގާއިމުކޮށްފައިވާ 120 ހައުސިން ޔުނިޓް ފޮޅާ ސާފުކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ބޭނުންވެފައިވާ ކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ހައުސިން މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހަޅައި ރަޖިސްޓްރީ ކުރުމަށް އެ މިނިސްޓްރީން އެދިފައިވެ އެވެ. އަދި ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައި ވަނީ މާދަމާ ހެނދުނު 8:30 އިން ފެށިގެން އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 13:30 އަށް ކަމަށް ހައުސިން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އައްޑޫ ސިޓީ ފްލެޓްތައް ބަލަހައްޓާނެ ބަޔަކު ހޯދަން ކޮށްފައިވާ އިއުލާން

މި މަސައްކަތަށް ހުށަހަޅާ ޖުމުލަ އަގު 250،000 ރުފިޔާއަށް ބޮޑު ނަމަ، މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ފައިސާ ދައްކަން ޖެހެ އެވެ. އެ ގޮތުން އައްޑޫ ސިޓީގެ ފްލެޓްތަކަށް 6،552 ރުފިޔާ ދައްކަން ޖެހޭއިރު، ފުވައްމުލައް ސިޓީގެ ފްލެޓްތަކަށް 4،200 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި ތިނަދޫގެ ފްލެޓްތަކަށް ހުށަހަޅަން ޖެހެނީ 2،520 ރުފިޔާ އެވެ.

ފުވައްމުލައް ސިޓީ ފްލެޓްތައް ބަލަހައްޓާނެ ބަޔަކު ހޯދަން ކޮށްފައިވާ އިއުލާން

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީ ދައްކަން ހުޅުވާލާ މުއްދަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ. އެ ގޮތުން ބިޑް ހުޅުވުމަށް ބާއްވާ ޕްރީ ބިޑް ބައްދަލުވުން މި މަހުގެ ހަވަނަ ދުވަހު ހައުސިން މިނިސްޓްރީގައި އޮންނާނެ އެވެ.

ގދ. ތިނަދޫ ފްލެޓްތައް ބަލަހައްޓާނެ ބަޔަކު ހޯދަން ކޮށްފައިވާ އިއުލާން

މިއީ މި ރަށްތަކުގައި ސަރުކާރުގެ "ގެދޮރުވެރިކުރުން" މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކެވެ. އެ ގޮތުން ތިނަދޫގައި އެޅި 120 ފްލެޓްގައި ދިރިއުޅޭނެ މީހުން ކަނޑައަޅައި، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އެ މީހުނަށް ފްލެޓްތައް ދޫކޮށްފަ އެވެ.

ފުވައްމުލައް ސިޓީގައި އެޅި 200 ފްލެޓްގެ ތެރެއިން ހުޅުވާލި 140 ފްލެޓަށް އެދި ހުށަހެޅި މީހުންގެ ޕޮއިންޓް ލިސްޓް މިދިޔަ ނޮވެމްބަރު މަހު އާންމުކޮށްފަ އެވެ. އަނެއް 60 ފްލެޓަށް އެދި ހުށަހަޅަން މިދިޔަ ނޮވެމްބަރު މަހު އެ ސިޓީގެ ކައުންސިލުން ހުޅުވާލި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި އަޅާފައިވާ 264 ފްލެޓް ދޫކޮށްއިވާއިރު، ހުޅުދޫގައި އިމާރާތް ކުރި 48 ފްލެޓްގެ ތެރެއިން މިހާތަނަށް ދޫކޮށްފައި ވަނީ 20 ފްލެޓެވެ. އޭގެ ފަހުން ހުޅުދޫގައި އިމާރާތް ކުރި ފްލެޓްތަކުގެ ތެރެއިން ސީ ކެޓަގަރީގައި ހިމެނޭ ނުވަ ފްލެޓަކަށް ކުރިމަތިލާން މިދިޔަ ޖެނުއަރީ މަހު އެ ސިޓީގެ ކައުންސިލުން ހުޅުވާލި އެވެ.