ހައުސިން ޔުނިޓް

އައްޑުއާއި ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅަނީ

Mar 30, 2022

އައްޑޫ އާއި ފުވައްމުލަކު ސިޓީގައި ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނެއް ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައިވަނީ ސ. ހިތަދޫގައި 200 ހައުސިން ޔުނިޓާއި ފުވައްމުލަކުގައި 200 ހައުސިން ޔުނިޓް އެޅުމަށެވެ.

ހިތަދޫގައި ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއަށް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައި ވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުވައްމުލަކު ހައުސިން ޔުނިޓްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ މަހު ވަނީ ހދ. ކުޅުދުއްފުށްޓާއި، ށ. މިލަންދޫ، ނ. ހޮޅުދޫ، ނ. މަނަދޫ، ޅ. ހިންނަވަރު، ލ. ގަމު އަދި ގއ. ވިލިނގިލީގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފަ އެވެ. އަދި މިމަހު ވަނީ ހއ. ދިއްދޫ އާއި ޅ. ކުރެންދޫގައި ވެސް ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. މިރަށްތަކުގެ ތެރެއިން ދިއްދޫ އާއި ކުރެންދޫ ފިޔަވާ އެހެން ރަށްތަކަށް ބީލަން ހުށަހެޅުމަށް ދީފައިވާ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ދިއްދޫގައި އަޅާ ހައުސިން ޔުނިޓްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ކުރެންދޫ ހައުސިން ޔުނިޓްތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ދީފައިވަނީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޔުނިޓް އަޅަން ނިންމާފައިވާ އަދަދުތައް

  • ހދ. ކުޅުދުއްފުށި - 400 ހައުސިން ޔުނިޓް
  • ސ. ހިތަދޫ - 200 ހައުސިން ޔުނިޓް
  • ފުވައްމުލައް - 200 ހައުސިން ޔުނިޓް
  • ޅ. ހިންނަވަރު - 100 ހައުސިން ޔުނިޓް
  • ލ. ގަން - 100 ހައުސިން ޔުނިޓް
  • ހއ. ދިއްދޫ - 75 ހައުސިން ޔުނިޓް
  • ށ. މިލަންދޫ - 50 ހައުސިން ޔުނިޓް
  • ގއ. ވިލިނގިލި - 50 ހައުސިން ޔުނިޓް
  • ނ. މަނަދޫ - 40 ހައުސިން ޔުނިޓް
  • ނ. ހޮޅުދޫ - 30 ހައުސިން ޔުނިޓް

ބީލަން ހުށަހެޅުމުގެ މުއްދަތު ހަމަވެފައިވާ ރަށްތަކަށް ކުރިމަތިލި ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ފިނޭންސް މިނިސްޓްރީގައި އަވަސް އިން އެދުނު ނަމަވެސް އެ މިނިސްޓްރީން އެ މައުލޫމާތު ހިއްސާއެއް ނުކުރެ އެވެ.

ރަށްތަކުގައި ހައުސިން ޔުނިޓްތަކެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފައި ވަނީ ބީލަން ކާމިޔާބު ކުރާ ކުންފުންޏަކުން އަމިއްލައަށް ފްލެޓްތައް ޑިޒައިންކޮށް އަދި އިމާރާތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.

މަސައްކަތް ކޮށްދިނުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ނެޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުންނެވެ. ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެ އެވެ.

ހައުސިން ޔުނިޓް އެޅުމަށް ވަކިވަކިން ކުރަމުންދާ އިއުލާންތަކުގައިވާ ގޮތުން ހައުސިން ޔުނިޓްތައް އެޅުމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި ފައިސާ ބަހައްޓަންޖެހެ އެވެ. ބިޑް ސެކިއުރިޓީގެ އަދަދު އުޅެނީ އެކި ރަށަށް އެކި އަދަދެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގައި އަތޮޅު ތަކުގައި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.5 ބިލިއަން ރުފިޔާ ހާއްސަކޮށްފައިވެ އެވެ.