އައްޑޫ ސިޓީ

ހިތަދޫ 264 ފްލެޓު: އެއް ކެޓަގަރީއަަކުން ވަގުތީ ލިސްޓު ނެރެފި

ސަރުކާރުގެ "ގެދޮރުވެރިކުރުން" ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގެ ހިތަދޫ އަވަށުގައި އިިމާރާތް ކޮށްފައިވާ 264 ފްލެޓުގެ ތެރެއިން، ޑީކެޓަގަރީގައި ހިމެނޭ 32 ފްލެޓު ލިބޭ ވަގުތީ ލިސްޓު ނެރެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޑީ ކެޓަގަރީގައި ހިމެނޭ 32 ފްލެޓަށް 835 މީހަކު ކުރިމަތިލާފައިވާ ކަމަށެވެ. ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވުމުން ޕޮއިޓް ދިން ގޮތުގެ ތަފްސީލު ހިމެނޭ ވަގުތީ ލިސްޓެއް މިއަދު ވަނީ ގެޒެޓުކޮށް އައްޑޫ ކައުންސިލު ވެބްސަައިޓާއި އަވަށު އޮފީސްތަކާއި ނޯޓިސް ބޯޑުގަވެސް ހަރުކޮށްފަ އެވެ.

ކައުންސިލުން ބުނީ ޕޮއިންޓް ލިބިފައިވާގޮތާ މެދު، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހަޅާ ފޯމު، އަވަށު އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 24 އެވެ.

ހިތަދޫގައި އިމާރާތް ކުރި 264 ފްލެޓްގެ ތެރެއިން، 150 ފްލެޓް ހާއްސަ ކުރީ ހިތަދޫ ރައްޔިތުންނަށެވެ. މަރަދޫ އާއި މަރަދޫ ފޭދޫ އިން ހިތަދޫ އަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 30 ފްލެޓް ހާއްސަކޮށްފައިވާ އިރު، 50 ފްލެޓް ހާއްސަކޮށްފައި ވަނީ ފޭދޫ އިން ހިތަދޫ އަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށެވެ.